Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ރާއްޖެއިން އިންޑިއާއަށް ބައިލައްކަ ޑޮލަރުގެ އެހީއެއް

އިންޑީޔާއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެގައުމުގެ ކެރެލާ ސްޓޭޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރުން އެ ގައުމަށް 50،000 ޑޮލަރު، 771،000 ރުފިޔާ ފައިސާގެ އެހީގެ ގޮތުގައި ދޭން ނިންމައިފި އެވެ.

އިންޑިޔާއަށް ދިމާވެގެން އުޅޭ ކާރިސާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށާއި ހާއްސަކޮށް ސީދާ އޭގެ އަސަރު ކުރި ފަރާތްތަކަށް ހަމްދަރުދީވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ކެރަލާގައި ކުރިޔަށްދާ އޮޕަރޭޝަންތަކަށް އެހީއެއްގެ ގޮތުން 50،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއަށް ދިމާވި ތަފާތު އެކި ހިތާމަވެރި ކާރިސާތަކުގައި އެންމެ ގާތުން އެހީތެރިވި އެއް ގައުމަކީ އިންޑިއާއެވެ. އެހެން ކަމުން އިންޑިއާއަށް ދިމާވެގެން އުޅޭ މި ކާރިސާއަށް ރާއްޖޭގެ ފަރާތުން ވެދެއްވާ މިއީ ވަރަށް ބޮޑު އެހީތެރިކަމަކަށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވެގެން ދާނެއެވެ.

ކެރެލާގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޓްރެވިންޑްރަމް އާއި ކޮޗިންގައި ވެސް ފެންބޮޑުވެ، ބައެއް ދިވެހި އާއިލާތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެގޮތުން ކޮޗިންގައި ތާށިވެފައި ތިބި 100 އެއްހާ ދިވެހިން ވަނީ ޓްރެވިންޑްރަމްއަށް ގެނެސްފަ އެވެ.

އިންޑިޔާގެ ކެރަލާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިހާތަނަށް އެ ގައުމުގެ 167 މީހުން ވަނީ މަރުވެފަ އެވެ.