ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ފްލެޓްދޭނީ މިނިސްޓަރު ދޭ ލިސްޓަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ފްލެޓް ދިނުމުގައި އިންސާފުވެރިވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރޭ ހެންވޭރުގައި ކެމްޕެއިން ޖަގަހަ "ގަމު ރަޝާދު" ހުޅުވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތި ގެދޮރުގެ ދަތިކަން ކަމަށެވެ. އެއާއެކު ބޯހިޔާވަހިކަން ދޭއިރު އިންސާފުވެރިކަމާއެކު އެ ލިބޭނެ ގޮތް ސަރުކާރުން ހަމަ ޖައްސާދީފައިނުވާ މައްސަލަ ވެސް އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދޭނީ މާކްސްދޭ އުސޫލުން އެންމެ މަތީ މާކްސް ލިބޭ މީހާއަށް ކަމަށް ވިދާޅުވި އެވެ.
މިސަރުކާރުން ފްލެޓާއި ގެދޮރުު ދެމުން ގެންދަނީ މަކަރާ އޮޅުވާލުން ތެރޭގައި މި ސަރުކާރަށް ފެނިވަޑައިގަންނަވާ ބަޔަކަށް ކަމަށް އިބޫ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ބޭފުޅުންގެ ވެރިކަމެއްގައި މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވާލަ ދޭނެ ކަމުގެ ޔަގީންކަން އިބޫ ވަނީ އަރުވާފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި ފްލެޓްތަކުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ލޯން ސްކީމެއް ތައާރަފު ކުރައްވާނެކަމަށާއި އެ ލޯނު ދޫކުރާނީ ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރެވޭ ގޮތަށް ކަމަށް ވެސް އިިބޫ ވިދާޅުވި އެވެ.