ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް އުފަން ރަށަށް ވަޑައިގަތުމުން ރަށުގެ އަށް އަވަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ކީ މަރުޙަބާއިން އެ މަނިކުފާނު ފެންކަޅިވެގެން ދިޔައެވެ.
ފުވައްމުލަކަށް މިއަދު ފައިސަލް ވަޑައިގަތުމުން އެ ސިޓީގެ އަށް އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަން މަރުޙަބާ ދެންނެވުމަށް ފުވައްމުލަކު އެއާޕޯޓަށް ގޮސްފައެވެ. ފައިސަލަށް ރަށުގެ ރައްޔިތުން ކީ ރަތް ދޫލައިގެ މަރުހަބާއެކެވެ. ސަލާމް ކުރުމަށް އެތުރިގެން ތިބި މީހުންގެ ސަފު އެއާޕޯޓް ތެރެއިން ފެށިގެން މަގަށް ފެތުރިފައިވެއެވެ.
އެކި އުމުރުފުރާގެ އަންހެން، ފިރިހެން ކުދިބޮޑު އެތައް ރައްޔިތަކު އެ މަނިކުފާނަށް މަރުޙަބާ ކިޔުމަށް އެއްވެފައި ތިއްބެވެ. މަރުޙަބާ ކިޔަން ދިޔަ މީހުންނާ ސަލާމްކޮށް ނިމުނީ ގާތްގަނޑަކަށް 45 މިނެޓް ފަހުންނެވެ.
މަރުޙަބާ ދެންނެވުމުށް ވަޑައިގެންނެވި އާންމު ރައްޔިތުންނާއި އެކު ފައިސަލް ވަނީ ހިންގަވާފައި ދޫނޑިގަން އަވަށުގެ އެމްޑީޕީ ހަރުގެއަށް ވަޑައިގެންފައެވެ. ހަރުގޭގައި އެމަނިކުފާނު ވަނީ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ.
ފައިސަލްގެ ވާހަކަ އަޑުއެއްސެވުމަށް ހަރުގެޔަށް ވަރަށް ގިނަ ރައްޔިތުން ޖަމާވެފައިވެއެވެ.