ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ބާއްޕާފުޅު އިބްރާހިމް މުހައްމަދު ދީދީ އާއި މަންމާފުޅު އައިޝަތު މޫސާގެ ހަނދާނުގައި ހުޅުމާލޭގައި ހެދި މިސްކިތް، "މަސްޖިދުލް ވާލިދައިން" ހުޅުވައިފި އެވެ.
ހުޅުމާލޭގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައިދެއްވީ ރައީސް ޔާމީނެވެ. މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު، އެމަނިކުފާނު ވަނީ އެ މިސްކިތުގައި މިއަދުގެ އަސުރު ނަމާދު ކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި މެޑަމް ފާތުން އާއި އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވެސް އަސުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި އެވެ.
އެޗްޑީސީ އިން ބުނާ ގޮތުގައި މަސްޖިދުލް ވާލިދައިންގެ އެތެރެ އާއި ބޭރާ އެއްކޮށް 700 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ އެވެ. ދެ ބުރިއަށް ހެދި އެ މިސްކިތުގައި އަންހެނުން ނަމާދުކުރަން ޚާއްސަ ބައެއް ހިމެނޭއިރު، އަންހެނުންނާއި ފިރިހެނުންނަށް ފާޚާނާ ބަރިއަކާއި ވުޟޫ ކުރާނެ ތަން ވެސް ވަކިން ހަދާފައިވެ އެވެ.