އިއްތިހާދުގެ ސަރުކާރެއްގައި އިންކަން ޓެކްސް ނަގަން ފަށާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އިންކަމް ޓެކްސް ނެގޭނީ ވަކިވަރެއްގެ ފުދުންތެރިކަން ހުރި ފަރާތްތަކުގެ އަތުން ކަމަށާއި އެ ޓެކްސް ވާނީ ޕްރޮގްރެސިވް ޓެކްސް އަކަށް ކަމަށާއި، އެކަމަށް ވަކި ޚާއްސަ ޤާނޫނެއް ފާސްކުރެވޭނެ ކަމަށެވެ.
މީރާ މެދުވެރިކޮށް ސަރުކާރުން މިހާރުވެސް ނާޖާއިޒްް ފައިދާ ނަގަމުންދާ ކަމަށާއި، ނަމަވެސް އިއްތިހާދުގެ ވެރިކަމެއްގައި މީރާއިން ކުރަމުންދާ ނާއިންސާފު ކަންތައްތައް އިންސާފުގެ ތެރެއަށް ވައްދައި، މީރާ އަކީ ރައްޔިތުން އިތުބާރު ކުރާ ނަޒާހާތްތެރި ތަނަކަށް ހައްދަވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އެގޮތުން އާންމު ވިޔަފާރިތަކާއި ފަރުދުންގެ މައުލޫމާތު ނާޖާއިޒު ގޮތެއްގައި ނުވަތަ ސިޔާސީ ކަންކަމަށް ބޭނުންކުރުން ހުއްޓުވުމަށް މީރާގެ ބޯޑާއި މުވައްޒަފުން ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރެވޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ޓެކްސާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލައި، ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ މިނިވަން ތަނެއްގެ ގޮތުގައި ހައްދަވާނެ ކަމަށެވެ.
ރާއްޖޭގައި އިންކަމް ޓެކްސް ތައާރަފުކުރީ އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އެފަހަރު ހުށަހެޅި ޓެކްސް ނިޒާމުގައި ވެސް އިމްކަމް ޓެކްސް ހިމަނާފައި އޮތަސް، އެ ޓެކްސް ނެގަން ވަނީ ނުފެށި އެވެ.