Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

އިންތިޚާބަށްފަހު މަޖިލިސް ފެށޭއިރު ކޯލިޝަނަށް ބޮޑު މެޖޯރިޓީއެއް އޮންނާނެ: އިބޫ

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބޫ ސޯލިހް -- ފޮޓޯ: މުހައްމަދު ޝަރުހާން

އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް ފެށޭއިރު، އިދިކޮޅު ކޯލިޝަން އަށް މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮންނާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރުވެސް އޮތީ ކޯލިޝަނަށް ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އިންތިޚާބަށްފަހު މަޖިލިސް ފެށޭއިރު، ބޮޑު އަގުލަބިއްޔަތެއް ކޯލިޝަންގައި އޮންނާނެ. އެހެންވީމަ އެ ހިސާބުން މަސައްކަތް ފެށޭނެ. ކޮންމެހެން ނޮވެމްބަރު 17ގައި، ނޫނިއްނާ ނޮވެމްބަރު 11ގައި ވެރިކަމާ ހަވާލުވާންދެން މަޑުކުރާކަށެއް ނުޖެހޭނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު ހަރަދުނާ ކުރުމަށްޓަކާ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިއްތިހާދުގެ ލެޖިސްލޭޓިވް އެޖެންޑާގައި އޮންނާނެ ކަމަށާއި އޭގެ އިތުރުން، 20އަށް ވުރެ ގިނަ ޤާނޫނު އިސްލާހު ކުރައްވާނެ ކަމަށެވެ.

އިބޫ މީގެ ކުރިން ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް ދަމަހައްޓާނެ ގޮތާއި ވެރިކަން ރޫޅިގެންދާނެ ގޮތް ގާނޫނެއްގައި ނުވަތަ ގާނޫނުއަސާސީގައި ބަޔާން ކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށެވެ.