Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ހަ އަހަރު ފަހުން ކުޅުދުއްފުށީ ރޯހައުސްތައް ހަވާލުކޮށްފި

ކުޅުދުއްފުށީ ރޯ ހައުސްތައް -- ފޮޓޯ: އަޝްވާ ފަހީމް (ރާއްޖެއެމްވީ)

ނިމިފައި ހުންނަތާ ހަ އަހަރުވެ، ވީރާނާވަމުންދިޔަ ހދ. ކުޅުދުއްފުށީގެ ރޯ ހައުސްތަކުގެ ތަޅުދަނޑިތައް އިއްޔެ ހަވާލުކޮށްފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެށި އެ މަޝްރޫއުގެ ދަށުން ރޯ ހައުސް ލިބުނު 58 މީހަކަށް މިއަދު ތަޅުދަނޑި ހަވާލުކޮށްފައިވާއިރު މި ހަފުތާގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. ސަރުކާރުން ބުނީ ރޯ ހައުސްތައް ހަވާލުވެސް ކޮށްފައިވަނީ އެތަންތަން ވީރާނާވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވަނިކޮށް އެ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް އާއި ހަވާލާދީ "އަވަސް" އިން ރިޕޯޓްކުރާ ގޮތުގައި އެ ރަށުގެ ދެ ސަރަހައްދެއްގައި ހަދާފައިފައިވާ ރޯ ހައުސްތައް އޭގެ ވެރި ފަރާތްތަކާ ހައުސިންގ މިނިސްޓްރީން އިއްޔެ ހަވާލުކޮށްފައިވާ ކަމަށާއި އިއްޔެ ތަޅުދަނޑިތައް ހަވާލުކުރީ މިއަދުން ފެށިގެން ވެސް އެތަންތަނަށް ވަދެވޭ ގޮތަށް ކަމަށެވެ.

ތަޅުދަނޑިތައް ހަވާލުކުރީ، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ކައިރީގައި ހަދާފައިވާ 18 ރޯ ހައުސް އާއި ރަށު ހަސަނާތު މިސްކިތުގެ ފުރަގަހުގައި ހަދާފައިވާ 40 ރޯ ހައުސް އެވެ. އެ ރޯ ހައުސްތައް ލިބިފައިވަނީ އެކަމަށް އެދި ކައުންސިލުން ހުޅުވާލުމުން ކުރިމަތިލީ މީހުންގެ ތެރެއިން ގުރުއަތުން ނެގުނު މީހުންނަށެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ މީހުންނާއި ކުޅުދުއްފުއްޓަށް ހިޖުރަކުރަން ބޭނުންވާ މީހުން ހިމެނެ އެވެ.

ލަތީފް ވިދާޅުވީ ރޯ ހައުސްތައް ހަވާލުކޮށްފައިވާ ހަސަނާތު މިސްކިތުގެ ކައިރީގައި ހުރި ރޯ ހައުސްތަކު ސަރަހައްދުގައި ނަރުދަމާ އާއި ކަރަންޓު ނެތްކަމަށާއި، އެކަންކަން އީދު ޗުއްޓީއަށްފަހު ހައްލުކޮށް ދެއްވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އަދި ރޯ ހައުސްތަކުގެ މަރާމާތަށް ދާ ފައިސާ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯ ހައުސްތައް އަޅަން ފެށި އެވެ. އޭގެ ތެރެއިން ދެ ސަރަހައްދުގެ ރޯ ހައުސްތައް މި ސަރުކާރު އައިއިރު ހުރީ ނިމިފަ އެވެ. އެމްޑީޕީ ސަރުކާރުގައި ހިއްކި ސަރަހައްދުގައި އަޅަން ފެށި 100 ރޯ ހައުސްތައް ވެރިކަން ވެއްޓުމާއެކު ހުއްޓުނު ގޮތަށް އަދިވެސް ހުރީ ހުއްޓިފަ އެވެ.