އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނު ދައުލަތުގެ ފައިސާއެއްގައި ނުޖެހޭނެ ކަމަށް އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ފައިސަލް ވިދާޅުވީ އިބޫ އަށް ވޯޓްދޭންވީ ޤައުމުގެ ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގެ 100 ޕަސެންޓްގެ ޔަގީންކަން އެމަނިކުފާނުގެ 30-25 އަހަރު ވީ މާޒީން ދައްކާދީފައި ވާތީ ކަމަށެވެ.
އަދި އިއްތިހާދުގެ ވެރިކަމެއްގައި އިބޫ އާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ތެވެރިކަމާއި އަމާނާތްތެރިކަމާއި އެކު ދައުލަތުގެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިއަދު ފުވައްމުލަކުގައި ތިބި ރައީސް ޔާމީނަށް ތާއިދު ކުރައްވާ ރައްޔިތުންވެސް ބިރު ފަހަނާ އަޅާ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކޮށް ނުކުތުމަށް ފައިސަލް ގޮވާލެއްވިއެވެ.
ފައިސަލް ވިދާޅުވީ ވަޒީފާގެ ބިރުވެރިކަމުގައި އޮތް 34 ދުވަސް ހަދާން ނައްތާލަންވީ ކަމަށާއި ވަޒީފާ ގެއްލޭ ކޮންމެ ފަރާތަކަށް ﷲ އިރާދަކުރެއްވިއްޔާ ނޮވެމްބަރު 18 ވަނަ ދުވަހަކީ އެ ވަޒީފާތަށް އެ ފަރާތަކަށް އަނބުރާ ލިބިގެންދާނެ ދުވަސް ކަމަށެވެ.
ފައިސަލް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ސިޓީގައި ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާފައެވެ. އެގޮތުން އެ ކެމްޕެއިން ފެއްޓެވީ ފައިސަލްގެ އުފަން އަވަށް ކަމަށްވާ ފުނާޑުންނެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ފައިސަލް ވެގެންދާނީ ނައިބު ރައީސްކަން ލިބިވަޑައިގެންނެވި ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ފަރާތަށެވެ. ފުވައްމަލަކަށް ނިސްބަތްވާ އެންމެ ފުރަތަމަ ނައިބު ރައީސް އަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.