އިންކަމް ޓެކްސް ނަންގަވާނެ ކަމަށް އިިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެވަޑައިގެންނެވި ވައުދަކީ ރާއްޖޭގެ ތަރައްގީއަށް ވެވުނު އެންމެ މުހިންމު ވައުދު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި މިހާތަނަށް ވެވުނު އެންމެ މުހިންމު ވައުދަކީ އިންކަމް ޓެކްސް ނަންގަވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެވަޑައިގެންނެވި ވައުދު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ވެރިކަމުގައި އަމިއްލަ އާމްދަނީ އިންތިހާ އަށް ބޮޑު ވަކިވަކި ފަރުދުންގެ އާމްދަނީ އިން ޓެކްސް ނަންގަވާނެ ކަމަށް ވެވަޑައިގަތް ވައުދަކީ ރާއްޖޭ އަށް ތަރައްޤީ ހޯދައިދެއްވުމަށް ވެވުނު އެންމެ މުހިންމު ވައުދު ކަމަށެވެ.
އެކަމަށްޓަކައި ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓް ނަންބަރު 2، އިބޫ އަށް މަރުހަބާ ދަންނަވާފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ވަކިވަރެއްގެ ފުދުންތެރިކަން ހުރި ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނަންގަވާނެ ކަމަށާއި އެ ޓެކްސް ވާނީ ޕްރޮގްރެސިވް ޓެކްސް އަކަށް ކަމަށާއި، އެކަމަށް ވަކި ޚާއްސަ ޤާނޫނެއް ފާސްކުރެވޭނެ ކަމަށެވެ.
އަދި ޓެކްސާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލައި، ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ މިނިވަން ތަނެއްގެ ގޮތުގައި ހައްދަވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
ރާއްޖޭގައި އިންކަމް ޓެކްސް ތައާރަފުކުރީ އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ.