Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެތްލެޓިކްސް ގައި ފިޔަޖަހަމުން އަންނަ އައްޑޫގެ ތަރި: މުހާޖިރު

އެތްލެޓިކްސް މުބާރާތްތަކުން އައްޑޫ ސިޓީއަށް ނިސްބަތްވާ ގިނަ އެތްލީޓުންތަކެއްގެ ވިދުން ދަނީ ފެންނަމުންނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އެތްލީޓަކީ އައްޑޫ ހައި ސްކޫލް ގްރޭޑް 11 ގައި ތައުލީމް ހާސިލް ކުރަމުންގެންދާ ދަރިވަރު ސ. ހިތަދޫ ޖިބްރޯލްޓާ މުހާޖިރު ޒިޔާދު މުހައްމަދުއެވެ.

މުހާޖިރު ވަނީ ފާއިތުވި އަހަރު ތަކުގައި އެތްލެޓިކްސް ތަފާތު މުބާރާތްތަކާއި މެރަތަން ތަކުގައި ބައިވެރިވެ ކާމިޔާބިތައް ހާސިލްކޮށްފައެވެ. މުހާޖިރުގެ މި އަހަރުގެ މިހާތަނަށް ބައިވެރިވި މުބާރާތް ތަކާއި މެރެތަން ތަކަށް ބަލާއިރު، އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ރަން ވަނަތަކެއް ނަގާފައެވެ.

މިއަހަރު މުހާޖިރު ބައިވެރިވީ މުބާރާތްތަކަށް ބަލާއިރު ކުޅުދުއްފުށީގައި ބޭއްވުނު 11 ވަނަ މަކިިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2018، އެމްއެންޑީއެފް 126 ރަން 2018، އައި ރަނާސް އައްޑޫ މެރަތަން 2018، 21 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2018 (ފުވައްމުލައް)، 21 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2018(މާލެ) ހިމެނެއެވެ.

ކުޅުދުއްފުށީގައި ބޭއްވުނު 11 ވަނަ މަކިިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2018 ގައި މުހާޖިރު ވަނީ 17 އަހަރުން ދަށުގެ އުމުރުފުރާއިން 800މީޓަރު ދުވުމުން 1 ވަނަ، 1500 މީޓަރުން 1 ވަނަ، އަދި 3000މީޓަރު ދުވުމުން 1 ވަނަ ހާސިލްކޮށްފައެވެ.

އެއަށްފަހު އެމްއެންޑީއެފް 126 ރަން 2018 ގައި 10 ކިލޯމީޓަރު ދުވުމުން ވަރަށް ފުރިހަމަ 1 ވަނަ އެއް އޭނާ ވަނީ ހާސިލްކޮށްފައެވެ. އައި ރަނާސް އައްޑޫ މެރަތަންގެ ފަރާތުން މިއަހަރު ބޭއްވި މެރަތަންގެ 5 ކިލޯ މީޓަރު ދުވުމުގައި ބައިވެރިވެ 2 ވަނަ ހާސިލްކޮށްފައިވާ އިރު، ފުވައްމުލަކުގައި ބޭއްވުނު 21 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2018 ގައި 17 އަހަރުން ދަށް 800 މީޓަރު ދުވުމުން 1 ވަނަ ، 1500 މީޓަރު ދުވުމުން 1 ވަނަ ހޯދާ އެ އިވެންޓުން މުހާޖިރު ވަނީ މީޓް ރެކޯޑް ހަދާފައެވެ. އަދި ހަމަ އެ މުބާރާތުގައި މުހާޖިރު ވަނީ 3000 މީޓަރު ދުވުމުން ވެސް 1 ވަނަ ހާސިލްކޮށް ހަމަ އެ އިވެންޓްގެ މީޓް ރެކޯޑް ހަދާފައެވެ. މީގެ އިތުރުން މި މުބާރާތުގައި 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓްގެ މަގާމްވެސް މުހާޖިރު ވަނީ ހާސިލް ކޮށްފައެވެ.

ފުވައްމުލަކުގައި ބޭއްވުނު މުބާރާތަށް ފަހު މުހާޖިރު ފެނިގެން ދިޔައީ މިމަހު މާލޭގައި ބޭއްވުނު 21 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕުންނެވެ. އެ މުބާރާތުގައި ވެސް މުހާޖިރު ވަނީ ރަންވަނަތަކެއް ހާސިލްކޮށް އޭނާ ތައުލީމް ހާސިލްކުރާ ސްކޫލް ކަމަށްވާ އައްޑޫ ހައި ސްކޫލް އަދި އައްޑޫ ސިޓީ ފަޚުރުވެރިކުރުވާފައެވެ.

21 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި މުހާޖިރު ވަނީ 800 މީޓަރު ދުވުމުން 2 ވަނަ، 1500 މީޓަރު ދުވުމުން 1 ވަނަ ހޯދާ އެ އިވެންޓުން މީޓް ރެކޯޑް ހަދާފައެވެ. މީގެ އިތުރުން ހަމަ މި މުބާރާތުގައި ވެސް 3000 މީޓަރު ދުވުމުން އޭނާ ވަނީ 1 ވަނަ ހޯދާފައެވެ. މި މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓަކަށް ވެސް ހޮވިފައިވަނީ މުހާޖިރުއެވެ.

މި ކާމިޔާބީތަކަށް ފަހު މުހާޖިރު މިހާރު ވަނީ މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ނޭޝަނަލް ގްރޭންޑް ޕްރިކްސް 2018 މުބާރާތުގެ 800 މީޓަރު، 1500 މީޓަރު އަދި 3000 މީޓަރު ދުވުމަށް ހޮވިފައެވެ.

ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ މުހާޖިރު އަކީ ފެންނަ ކޮންމެ މީހެއްގެ ހިތުން ޖާގަ ހޯދަމުން އަންނަ ، އެތްލެޓިކްސްގެ ދުނިޔޭގައި ފިޔަޖަހަން ފަށާފައިވާ އަލިގަދަ ތަރިއެކެވެ.

އައްޑޫލައިވްގެ ފަރާތުން މުހާޖިރުގެ ކާމިޔާބީތަކަށް އައްސަރިބަހާއި ސާބަސް ކިޔަމެވެ. އަދި މުހާޖިރު އަށް މުސްތަޤްބަލްގައި ގިނަގުނަ ކާމިޔާބީތަކަށް އެދެމެވެ.