ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ވަގުތު ދޭނެ ސްލޮޓުތައް ގުރުއަތުލައިގެން ހޮވައިފިއެވެ.
އެއާޓައިމް ދޭނެ އުސޫލާއި ވިޔަފާރި އުސޫލުން ރިޔާސީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ވަގުތު ވިއްކާ އަގު ކަނޑައަޅައި، ކެންޑިޑޭޓުންގެ މަންދޫބުންނާ އެކަން ހިއްސާކޮށްފައިވާ ކަމަށް ޕީއެސްއެމުން ބުނެއެވެ.
ޕީއެސްއެމްގެ ޗެނަލްތަކުން ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ގުޅޭ ގޮތުން، އެންމެ ބޮޑު ދެ ޕާޓީއާ އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސެކަރެޓަރީ ޖެނަރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރާއި އިބޫގެ ކެމްޕެއިންގެ މީޑިއާ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ތޮއްޔިބު މުހައްމަދު އެވެ. އަދި ޕީޕީއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރީ އަހުމަދު ސިއްދީގެވެ.
ޕީއެސްއެމުން ބުނީ އެއާ ޓައިމް ދިނުމާ ގުޅޭ އުސޫލުގެ ދަށުން، ކެންޑިޑޭޓުންނަށް އެއާޓައިމް ދޫކުރާނީ އެކަމަށް އެ ކުންފުނިން ދޫކުރާ ހާއްސަ ފޯމެއް ފުރިހަމަކޮށް، ކެންޑިޑޭޓަށް ދީފައިވާ ސްލޮޓުގެ ވަގުތު ހަމަވުމުގެ 48 ގަޑިއިރުގެ ކުރިން ފޯމު ހުށަހަޅައި ފޯމު ބަލައިގަތް ކަމުގެ ރިސިޕްޓު އެ ކުންފުންޏަށް ލިބުމުން ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން، ކެންޑިޑޭޓުންނަށް ވަގުތު ކަނޑައަޅާފައި ވަނީ 9:00 އިން ފެށިގެން 12:00އާ ހަމައަށެވެ.