Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

2012 ގައި އައްޑު އަށް ޒިޔާރަތް ކުރީ އެންމެ 24 ޔޮޓް!

ގަން ބަނދަރުގައި އޮތް ފްރާންސްގެ ޔޮޓް ބެންގާލީ. ފޮޓޯ/ ހިތަދޫ ޕޯޓް ލިމިޓެޑް އެފްބީ ޕޭޖް

އައްޑު އަށް މި އަހަރު ޒިޔާރަތް ކުރި ޔޮޓްތަކުގެ އަދަދު ފާއިތުވި ދެ އަހަރާ އަޅާބަލާ އިރު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

މި އަހަރުގެ މިހާތަނަށް އައްޑޫގައި ބަނދަރުކޮށްފައި ވަނީ ވަނީ އެންމެ 24 ޔޮޓެވެ. އާންމުކޮށް ޔޮޓް ބަނދަރު ކުރާ ފޭދު އާއި ގަމާ ދޭތެރޭގައި މި ވަގުތު އޮތީ ފްރާންސްގެ "ބެންގާލީ" ކިޔާ ޔޮޓެކެވެ. އެ ޔޮޓް އައްޑު އަށް ގޮސްފައި ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ރެކޯޑްތައް ދައްކާ ގޮތުން މިދިޔަ އަހަރު އައްޑު އަށް ޒިޔާރަތްކޮށްފައި ވަނީ 43 ޔޮޓެވެ. އޭގެ ކުރީ އަހަރު 40 ޔޮޓް ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްްކަ އެވެ.

މީގެ ކުރިން އަހަރެއްގެ މައްޗަށް ގިނަ އަދަދެއްގެ ޔޮޓް ޒިޔާރަތް ކުރަމުން އަންނަ އައްޑު އަށް ޔޮޓްފަހަރު އަންނަ މިންވަރު މަދުވާން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޔޮޓް އައުން މަދުވާން ފެށި މައިގަނޑު ސަބަބަކީ ޔޮޓްތަކުން ނަގާ ފީ އަށް ގެނައި ބަދަލަކާ ގުޅިގެންނެވެ. މީގެ އިތުރުން ކަނޑުފޭރޭ މީހުންގެ މައްސަލަތަކާ ވެސް ހެދި ރާއްޖެ އަށް ޒިޔާރަތް ކުރާ ކުދި ޔޮޓްފަހަރުގެ އަދަދު މަދުވެގެން ގޮސްފައިވެ އެވެ.