Last Updated: June 11, 10:48
Thursday, June 11, 2026
ޚަބަރު

އެމްޑީޕީން ޕީޕީއެމްގެ ކުލަ ބޭނުން ނުކުރުމަށް އަންގައިފި

ފޭދޫގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގާ ބިމުފައި ދިދަ ޖަހާފައި. ފޮޓޯ/ އައްޑޫ ލައިވް

ޕީޕީއެމްގެ ރަސްމީ ކުލަ، އަސުރުމާ ފިޔާތޮށި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ކެމްޕޭނުގައި ބޭނުން ކުރަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ އެޕާޓީއަށް ޚާއްސަ ކުލައަކަށް ވާތީ އެކުލަ ބޭނުން ނުކުރުމަށް ޕީޕީއެމުން އެމްޑީޕީއަށް އަންގައިފިއެވެ.

ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް އެމްޑީޕީގެ ކެމްޕޭނު ޖަލްސާތަކާއި އެހެން ސިޔާސި ހަރަކާތްތަކުގައި އެޕާޓީގެ ކުލަ ތަމްސީލު ކުރަމުން އަންނަ ކަމަށާއި ޕާޓީގެ ކެންޑިޑޭޓުގެ އިންތިޚާބީ ހައްގުތަކަށް އުނިކަން ލިބެމުން އަންނާތީ އެޕާޓީއަށް ޚާއްސަ ކުލަ ޕާޓީ ނޫން އެހެން އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް މިބަޔާނުގައި އެދިފައެވެ.

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް ތަމްސީލު ކުރުމަށް ފިޔާތޮށި ކުލަ އިއްތިހާދުގެ ޖަލްސާތަކާއި ކެމްޕޭނު ހަރަކާތްތަކުގައި ބޭނުން ކުރަމުން އައި ނަމަވެސް، އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވީ އެބޭފުޅުން ބޭނުން ކުރަމުން އަންނަނީ ފިޔާތޮށި ކުލަ ކަމަށެވެ.

އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ފާސްކޮށްފައިވާ ކުލަ އަކީ މެޖެންޓާ ކުލަ ކަމަށާއި އެއީ ފިޔާތޮށި ކުލަ ނޫން ކަމަށް އެމްއާރްއެމުން ދެކެއެވެ. އެހެންކަމުން ފިޔާތޮށި ކުލަ ނިސްބަތްވާ ހުރިހާ ކުލައަކީ ޕީޕީއެމް ކުލަ ކަމުގައި ބަލައިގަނެވޭނެ އުސޫލެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.