އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ބަޑިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހޯދަން އެމެރިކާގެ މާޝަލް ސާވިސެސްއިން ފަށައިފިއެވެ.
ޕެންސިލްވޭނިއާ އަށް ނިސްބަތްވާ ޝޯން ރިޗާޑް، 27، ވަނީ އޭނާގެ ފޭސްބުކްގައި ތަކުރާރުކޮށް ޓްރަމްޕް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަން ފެށުމުން ރިޗާޑްސް ވަނީ ކާރެއް ވަގަށް ނަގައި، އެހިސާބުން ރައްކާވެފައެވެ.
ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުން ރިޗާޑްސް ހޯދައިދޭ ފަރާތަކަށް 20،000 ޑޮލަރުގެ އިނާމެއް އެމެރިކާގެ މާޝަލް ސާވިސްއިން ވަނީ ހުށައަޅާފައެވެ. ރިޗާޑް އަކީ ޖޫން 19 އިން ފެށިގެން ހޯދުމަށް އިއުލާން ކޮށް ނުފެނިފައިވާ މީހެކެވެ.
އޭނާ ވަނީ ޓްރަމްޕްގެ އިތުރުން ނޮދަމްޕްޓަން ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ، ޖޯން މޯގަނެލީއަށް ވެސް މަރުގެ އިންޒާރު ދީފައެވެ. ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ވަނީ މޯގަނެލީގެ ބޮލަށް ވެސް ބަޑި ޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ނަމަވެސް އޭގެ ކުރިން ޓްރަމްޕްގެ ބޮލަށް ބަޑި ޖަހާނެ ކަމަށް އޭނާ ބުނެފައިވެއެވެ.