Last Updated: June 11, 10:48
Thursday, June 11, 2026
ޚަބަރު

މައުމޫނަށް ފަރުވާ ދޭން މާލެއިން ޑޮކްޓަރުން ގެންގޮސްފި

ފޮޓޯ: މިހާރު

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސިއްހީ ހާލުކޮޅު ދެރަވެ، މާލެއިން ޑޮކްޓަރުން މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގައި ހުރި ޑޮކްޓަރު ލަފާ އަރުވާފައިވަނީ އެމަޖެންސީގައި މައުމޫން މާލެ ގެންގޮސް ފަރުވާ ކުރުމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްކަމުން ދަތުރުފަތުރު ނުކުރެވޭނެތީ ކަރެކްޝަންސް އިން ނިންމީ ޑޮކްޓަރުން ޖަލަށް ގެންދިއުމަށް ކަމަށް މައުމޫން ރިފޯމް މޫވްމަންޓުން މައުލޫމާތު ދީފައިވެއެވެ.

މައުމޫންގެ ވަކީލުން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 10:00 އަށް ވަނީ އެމަނިކުފާނާ ބައްދަލުވުމެއް ވެސް ތާވަލުކޮށްފައެވެ. ނަމަވެސް ސިއްހީ ހާލުކޮޅު ހުރި ގޮތުން އެ ބައްދަލުވުން ކެންސަލް ކޮށްފައިވާ ކަމަށް ވަކީލުން ހާމަކޮށްފައިވެއެވެ.

މައުމޫންގެ އާއިލާއިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު އެކަހެރިކޮށް މާގިނައިރު އުޅުއްވާނަމަ ވެއްޓުމުގެ ބިރު ބޮޑު ކަމަށާއި އޭގެ ސަބަބުން ޑޮކްޓަރު ވަނީ އެކަހެރި ދިރިއުޅުމެއް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ތަންނުދޭ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން މައުމޫން ވަނީ އެމަނިކުފާނު ގޭބަންދަށް ދޫކޮށްދެއްވުމަށް ކޯޓުގައި މީގެ ކުރިން އެދިވަޑައިގެންފައެވެ.