ރިޔާސީ އިންތިޚާބަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހުއަށް ތާއީދު ހޯދުމަށް، ހުޅުމާލޭގައި ބެނާ ދެމުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް އެޗްޑީސީއާއި ފުލުހުން އެކަމަށް ހުރަސްއަޅައިފިއެވެ.
ރޭ ހުޅުމާލޭ ނިރޮޅުމަގުގައި ބެނާ ދެމުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކަން ނުކުރެވޭނެކަމަށް އެޗްޑީސީން އަނގަބަހުން އެންގި ކަމަށް އެމްޑީޕީއިން ބުނެއެވެ. ބެނާ ދެމޭނީ ހާއްސަ ހުއްދަ ނަގައިގެން ކަމަށް ވެސް އެމްޑީޕީއަށް އަންގާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.
ބެނާ ދެމޭނީ ހާއްސަ ހުއްދައެއް ނަގައިގެން ކަމަށް ބުނުމަށްފަހު އެޗްޑީސީ އާއި ފުލުހުން އެ މަސައްކަތަށް ހުރަސްއަޅާ ހުއްޓުވާފައިވާ ކަމަށް ވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން މައުލޫމާތު ދެއެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ގިނަ އަދަދަކަށް ދަނީ ޕީޕީއެމްގެ ބެނާ ތަކާއި ދިދަފަތިތައް ދަމަމުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕީޕީއެމްގެ ދިދަތަކާއި ބެނާތައް ގިނަކުރަމުންދާ ކަން ފާހަގަ ކުރެވެއެވެ. ދާދި ފަހުން ޕީޕީއެމުން ބުނެފައިވަނީ ދިދަފަތި އާއި ބެނާ ހުޅުމާލެ އާއި މާލޭގައި ދަމަމުން ދަނީ ޕީޕީއެެމުން ނޫން ކަމަށެވެ، އެއީ ޕީޕީއެމުން ބުނެގެން ކުރާ ކަމެއް ނޫން ކަމަށާއި ސަޕޯޓަރުން ކުރަމުންދާ ކަމެއް ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
އިދިކޮޅު ފަރާތްތަކުގެ ބެނާ ތަކަށް ހާއްސަ ހުއްދައެއް ހޯދަން ޖެހުމުން މިހާރު އުފެދިފައިވާ ސުވާލަކީ އެ ވިދާޅުވާ ސަޕޯޓަރުން އެ ޕީޕީއެމްގެ ދިދަފަތިތައް ދަމާފައި އެވަނީ ހާއްސަ ހުއްދައެއް ހޯދައިގެންތޯ؟ މިއެވެ. ދާދި އަވަހަށް މި ސުވާލުގެ ޖަވާބު އެޗްޑީސީއިން ދެއްވާނެ ކަމަށް އުއްމީދު ކުރެވެއެވެ.