Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ރާއްޖެޓީވީގެ އަބުރުފުޅު ފަންޑު މިރޭ ފުވައްމުލަކުގައި ހުޅުވަނީ

ފޮޓޯ: ރާއްޖެއެމްވީ

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ކުރި ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމުގެ ގޮތުން އަބުރުފުޅު ފަންޑު މިރޭ ފުވައްމުލަކުގައި ހުޅުވުމަށް ނިންމައިފިއެވެ.

މިފަހަރު މި ސްޓޭޝަން ޖޫރިމަނާ ކުރީ ޔަރދެ މިލިއަން ރުފިޔާއިންނެވެ.

މިރޭ 9:30 ގައި ފުވައްމުލަކުގައި ފުނާޑު އަވަށު ހަދުވަލި ދަނޑުގައި އަބުރުފުޅު ފަންޑު ހުޅުއްވާދެއްވާނީ އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރުއެވެ.

އަބުރުފުޅު ފަންޑު ހުޅުވަނީ އެއްގޮތަކަށް ވެސް ބްރޯޑްކޮމްއިން ނުހައްގުން އެޅި ފިޔަވަޅަށް ތަބާވުމަށް ނޫން ކަމަށާއި އެ ސްޓޭޝަނަށް އެކަމުގެ ސަބަބުން ލިބިދާނެ ދެރައަކަށްޓަކައިކަމަށް ރާއްޖެޓީވީ އިން ބުނެއެވެ. އެ ފައިސާ ނުދައްކައިގެން އެ ޓީވީ ޗެނަލް ހުއްޓުމަކަށް އަތުވެއްޖެނަމަ ރާއްޖޭގެ ގިނަ ބަޔަކު ބަލާ ޓީވީ ޗެނަލަކަށް އެ ޗެނަލް ވެފަ އެކަމުން ބެލުންތެރިން ދެރަވެ ކަންބޮޑުވާނެތީ ކަމަށް ވެސް އެ ޓީވީން ބުނެއެވެ.

ފުވައްމުލަކުގައި ބެހެއްޓޭ އަބުރުފުޅުފަންޑަށް ވީހާވެސް ގިނަ ރައްޔިތުން އެހީވުމަކީ ރާއްޖެޓީވީގެ އެދުމެކެވެ. އަބަދުވެސް ރާއްޖެޓީވީއަށް ދިމާވާ މިފަދަ ކަންކަމުގައި ފުވައްމުލައް ސިޓީގެ ރައްޔިތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަން އެ ޓީވީގެ ފަރާތުން ފާހަގަ ކުރެއެވެ.

ރާއްޖެޓީވީން ބުނީ، އަތޮޅު ތެރެއިން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ރަށްތަކުން ރާއްޖެޓީވީ އާއި ގުޅުއްވައިގެން އެކަން އިންތިޒާމް ކުރުމަށެވެ. އެގޮތުން ރާއްޖެޓީވީގެ ނަމްބަރު 3007771 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް ސްޓޭޝަނުން އެދެއެވެ.

އަދި އެ ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ބަލައިނުގަނެ އެ މައްސަލަ އިތުރަށް މުރާޖައާކުރުމަށް އެދި ރާއްޖެޓީވީގެ ފަރާތުން ވަނީ އަލުން އެ ކޮމިޝަނަށް ހުށައަޅާފައެވެ.