Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ތިމަރަފުށީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ތ.ތިމަރަފުށީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

ތިމަރަފުށީގެ އެމްޑީޕީ ޖަގަހައިގެ އެތެރެއަށާއި، ބޭރު ފާރަށް ގިނަ އަދަދެއްގެ ކަޅުތެޔޮޖަހާފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް އާއި ހަވާލާދީ އޮންލައިން ނޫސް ރާއްޖެ.އެމްވީ އިން ރިޕޯޓް ކުރެއެވެ.

ކަޅު ތެޔޮ ޖެހީ އީދު ނަމާދަށް ދިޔަ ވަގުތު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޖަގަހައަށް ކަޅުތެޔޮ ޖެހީ މާލޭއިން އެރަށަށް ގޮސް އުޅޭ ސަރުކާރުގެ ކޯޑިނޭޓަރުންގެ ބަހަށް ހެއްލިގެން އުޅޭ ކުދިވެރިން ތަކެއް ކަމަށާއި، މިފަދަ ދަށު ދަރަޖަގެ އަމަލަކުން އެރަށުގައި އެމްޑީޕީ ފިކުރު ނެތް ކަމަށް މަންޒަރު ދައްކަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އަންވަރު ވިދާޅުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ތިމަރަފުށިން ރައީސް ޔާމިނަށް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށާއި، ތިމަރަފުށީގެ މެޖޯރިޓީ އޮތީ ގުޅިފައިވާ ޕާޓީތަކާއެކު ކަމަށް އޭނަ ވިދާޅުވެފަިވެއެވެ.

އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖެހިނަމަވެސް ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ އެއްވެސް ރައްޔިތަކު ޕީޕީއެމްގެ ޖަގަހައަށް ކަޅުތެޔޮ ޖަހަން ނުނުނިކުންނާނެ ކަމަށާއި، ވޯޓުން އެމިހުން ބަލިކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަންވަރު ވިދާޅުވިއެވެ. ވޯޓު އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެމްޑީޕީގެ އޮފިޝަލުން މާހުށިޔާރުވާނެ ކަމަށް އަންވަރު ވިދާޅުވެފައިވާ ކަމަށް ވެސް ރާއްޖެ.އެމްވީ އިން މައުލޫމާތު ދެއެވެ.

މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ދާދި ފަހުން ވަނީ އައްޑޫ ސިޓީ ފޭދޫ އެމްޑީޕީ ޖަގަހައަކަށް ވެސް ކަޅުތެޔޮ ޖަހާފައެވެ.