ފުރަތަމަ ފަހަރަށް އިސްލާމީ ރިވެތި އުސޫލުތައް އުނގަނައިދޭ ކުޑަކުދިންނަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ހަދައި، ރާއްޖެއަށް ”މުސްލިމް ކިޑްސް ޓީވީ“، ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު މުއާސަލާތީ ޚިދުމަތް ދޭ ކުންފުނި، އުރީދޫން ތައާރަފްކޮށްފި އެވެ.
ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ "މުސްލިމް ކިޑްސް ޓީވީ" އަކީ ކުޑަކުދިންނަށް ޚާއްސަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.
އެގޮތުން މުސްލިމް ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާ ގުޅޭ، އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދާނެ އެވެ. އޭގެ ތެރޭގައި ކީރިތި ގުރުއާން ކިޔަވައި، ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ގުރުއާން ރިސައިޓޭޝަން ބަޑީ އާއި އެތައް ސަތޭކަ އިސްލާމީ ވީޑިއޯތަކާއި އެނިމޭޝަންތަކާއި ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތަކާއި ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތައް އެކި ގައުމުތަކުގެ ކުދިންނާ ހިއްސާ ކުރެވޭ ކްރިއޭޓް އެންޑް ޝެއާ ޕްލެޓްފޯމާއި ކުލަޖައްސާ ޕޭޖުތައް، އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވާކްޝީޓް ވެސް އެ ޕްލެޓްފޯމްގައި ހިމެނެއެވެ.
މި ޕްލެޓްފޯމު މެދުވެރިކޮށް އިސްލާމީ ތައުލީމު ހޯދުމުގައި ކުޑަކުދިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ އެތައް ހާސް ޑިޖިޓަލް ރިސޯސްތަކެއް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
"އުރީދޫގެ ޓީމްގެ ފަރާތުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޟްހާ އީދުގެ ތަހުނިޔާ އާއި މުބާރިކްބާދު ދަންނަވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންތެރި އަދި އާންމު ދިރިއުޅުމުގައި ފައިދާކުރާނެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް، އުރީދޫ އިން ވަރަށް ބޮޑު އަޙަމިއްޔަތުކަމެއްދޭ. މިގޮތުން، މިއަދު ދިވެހީންނާއި ހަމައަށް މިގެނެސްދެނީ ވަރަށް ޚާއްސަ، އަދި އަޅުގަނޑުމެންގެ ހިތްތަކާއި ނުހަނު ގާތް ޚިދުމަތެއް. މުސްލިމް ކިޑްސް ޓީވީ އަކީ ގިނަ ތަޖުރިބާކާރުންގެ ރުހުން ލިބިފައިވާ، ބައިނަލްއަޤްވާމީ އެޑިއުކޭޝަނަލް ރިސޯސް އެއް. އަޅުގަނޑުމެންގެ އުއްމީދަކީ، މި ޕްލެޓްފޯމަކީ ބޭނުންތެރި އަދި އިސްލާމީ އުސޫލުތައް އުނގެނުމަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ޚިދުމަތަކަށްވުން." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
މުސްލިމް ކިޑްސް ޓީވީގެ ތިން ޕެކޭޖެއް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. ޕެކޭޖް ބޭނުންވާ ކީވޯޑް ޖެހުމަށްފަހު 5858 އަށް އެސްއެމްއެސް ކުރުމުން، ފަސޭހަމާ އެކު އުރީދޫގެ ކަސްޓަމަރުންނަށް މި ޕްލެޓްފޯމްގެ ހިދުމަތް ހޯދޭނެ އެވެ.
މުސްލިމް ކިޑްސް ޓީވީ 1 ދުވަހުގެ ޕެކޭޖް ލިބެނީ ތިން ރުފިޔާ އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ "GO MKTVD" އެވެ. މުސްލިމް ކިޑް ޓީވީ އެއް ހަފުތާގެ ޕެކޭޖެއް ވިއްކަނީ 15ރ. އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ "GO MKTVW" އެވެ. އަދި މުސްލިމް ކިޑްސް ޓީވީ އެއް މަހުގެ ޕެކޭޖެއް ވިއްކަނީ 60ރ. އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ "GO MKTVM" އެވެ
މުސްލިމް ކިޑްސް ޓީވީގެ ވެބްސައިޓް www.muslimkidstv.com މެދުވެރިކޮށް ނުވަތަ އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ޑައުންލޯޑް ކުރެވޭނެއެވެ.