ބިން ހިއްކުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ގޯތި ދޫނުކޮށް ހުރި ރަށްތަކުން ގޯތި ދޫކުރައްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފައިވާއިރު، ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރުމަށް ސަރުކާރުން ކައުންސިލްތަކަށް އަންގައިފިއެވެ.
"ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރުމަށް ކައުންސިލްތަކަށް ސަރުކާރުން އަންގަމުންދާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ބިން ހިއްކުމަށްފަހު ވަގުތުން އެއްވެސް ރަށެއްގައި މިހާތަނަށް ސަރުކާރުން ގޯތި ދޫކޮށްފައި ނުވާނެ ކަމަށާއި ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރެވޭނީ ހިއްކި ބިން ބޭނުން ކުރާނެ ޕްލޭނެއް ހެދުމަށްފަހު ކަމަށެވެ.
ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ނިމިގެންދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެ ރަށުގެ ތުޅާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ބިން ހިއްކާފައިވާ ރަށްތަކުން ބިން ދޫނުކޮށް ހިފަހައްޓާފައި އޮތް އޮތުން، ނިމުމަކަށް ގެންނާނެ ކަމަށެވެ.
އިބޫ އެހެން ވިދާޅުވީ އެ ރަށުގައި ރައީސް ނަޝީދުގެ ސަރުކާރުން ހިއްކާފައިވާ ބިމުން ގޯތި ދޫނުކޮށް ސަރުކާރުން ހިފަހައްޓާފައިވާތާ ހަތް އަހަރުވެފައިވާތީއެވެ.
އެގޮތުން ރިޔާސީ ދައުރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑު ޔޫސް ޕްލޭން ހަދައި، އެފަދަ ރަށްތަކުން ގޯތި ދޫކުރަން ފަށާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.