Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ގައްދޫ މަރިޔާދުގޭގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ގދ. ގައްދޫ ބަނދަރު ސަރަހައްދުގައި ދަނޑިފަނުން ހަދާފައިހުރި މަރިޔާދުގޭގައި އަލިފާންރޯވެ އަނދަނީ - ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް ޔާމީން މިމަހުގެ ކުރީކޮޅު ގދ. ގައްދޫއަށް ވަޑައިގަތްއިރު، އެމަނިކުފާނަށް މަރްހަބާ ދެންނެވުމަށް ގައްދޫ ބަނދަރު ސަރަހައްދުގައި ހެދި މަރިޔާދުގޭގައި ރޭ ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ގައްދޫއިން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ލަކުޑި އާއި ފަނުން، އުނދޯއްޔަކާ އެކު ޕީޕީއެމްގެ ސަޕޯޓަރުން ހަދާފައިވާ މަރިޔާދުގޭގައި ރޯވެފައި ހުއްޓައި ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 22:45 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މަރިޔާދުގޭގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލީކަމެއް ނުވަތަ މިއީ އެނޫންގޮތަކަށް ހިނގި ހާދިސާއެއް ކަމާމެދު ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެންނަމަވެސް ޕީޕީއެމުން ތުހުމަތު ކުރަނީ މަރިޔާދުގޭގައި ބަޔަކު ހުޅުޖެހީ ކަމަށެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިފަދަ ހާދިސާއެއް ހިނގައިދިއުމަކީ އިންތިހާއަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"ގަސްތުގައި ބަޔަކު ރާވައިގެން ހިންގި ޖަރީމާއަކަށް ވާނަމަ ހަރުކަށިކޮށް ކުށްވެރިކުރަން"، އަމީތު ވިދާޅުވި އެވެ.