Last Updated: June 10, 20:13
Wednesday, June 10, 2026
ސިޔާސީ

ހުޅުމީދޫ ފާމަސީ އަށް ބޭސް ފޮނުވާފައި ވާނެ: އިލްޔާސް

އޮކްޓޫބަރު 22، 2011 ގައި ހުޅުމީދޫ މަގު ހެދުން އިފްތިތާހުކުރުމުގެ ތެރެއިން. ފޮޓޯ / އިބްރާހީމް ޒުހުރީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލި އިރު ހިތަދޫ ހޮސްޕިޓަލް ތެރޭގައި ހެލްތު ކޯޕަރޭޝަންގެ ބޭސް ފިހާރައެއް ހުންނާނެ ކަމަށާއި އަދި ހުޅުމީދޫ ބޭސް ފިހާރަ ތައްޔާރުކޮށް ހުއްދަ ނަގައި ހުރިހާކަމެއް ކޮށް އެތަނަށް ބޭނުންވާ ބޭސް ފޮނުވާފައި ވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅު ވެއްޖެ އެވެ.

އެމްޑީޕީން އިއްޔެ ރޭ މާލޭގެ އުސްފަސްގަޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ހިތަދޫ ހޮސްޕިޓަލް ތެރޭގައި ތައްޔާރުކޮށްފައި ހުރި ބޭސް ފިހާރަ އެސްޓީއޯގެ ބޭސް ފިހާރައަކަށް ހަދާފައިވާ ކަމަށާ ރައީސް ޑރ. މުހައްމަދު ވަހީދު ވަޑައިގެން އެތާ ނަން ބޯޑް ޖަހާފައި ތިމަންނަ ބޭސް ފިހާރަ ހުޅުވީއޭ ވިދާޅުވާ އިރު އެއީ އަޅުގަޑުމެންގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ބޭސް ފިހާރައިގެ ނަން ބޯޑް ބަދަލުކޮށް އެސްޓީއޯ ބޭސް ފިހާރައިގެ ނަމަށް ބަދަލުކުރަނީ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަޑުމެންނަށް އަޑުއިވިގެން ދަނީ ހިތަދޫގައި ހޮސްޕިޓަލްގައި އެސްޓީއޯގެ ބޭސްފި ހާރައެއް ހުޅުވާ ވާހަކަ. ހުޅުމީދޫ މަރުކަޒުގައި އެސްޓީއޯ ބޭސް ފިހާރައެއް ހުޅުވާ ވާހަކަ. ދަންނަވަންތޯ އަޅުގަޑުމެންގެ ސަރުކާރު ނިމުނު އިރު ހިތަދޫ ހޮސްޕިޓަލް ތެރޭގައި ހުންނާނެ ހެލްތުކޯޕަރޭޝަންގެ ބޭސް ފިހާރައެއް. އެ ބޭސް ފިހާރައިގެ ނަން ބޯޑް މިހާރު ބަދަލު ކުރީ އެސްޓީއޯ ބޭސް ފިހާރަ އަށް. އެއީ މި ކުރާ ކަމަކީ. އަދި ހުޅުމީދޫގައި ހުންނާނެ ބޭސްފިހާރައެއް ހަދާ ތައްޔާރުކޮށް ހުއްދަ ނަގާ ހުރިހާ ކަމެއް ނިމިފައި. ބަޣާވާތް ކުރި އިރު އެތަނަށް ބޭނުންވާ ބޭސް ވެސް ހުރީ ގެންގޮސް ހިތަދޫގައި ބަހައްޓާފައި." އިލްޔާސް ވިދާޅު ވިއެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ހިތަދުން ހަތަރު ޖަންކުޝަނާއި 10 ބަސްދާ ސިމިންތި ކޮތަޅު ގެނެސްގެން ހުޅުމީދޫގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އަޅުގަޑުމެންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލި އިރު ހުޅުމީދޫގެ މަގުގެ އެއްބައި ހަދާ ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ބަޣާވާތަށް ފަހު 15 މަސް ވެގެން ދިޔަ އިރު ހުޅުމީދޫގެ މަގުގައި އެންމެ ގަލެއް ވެސް އެޅިފައިނުވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަޑުމެންގެ ސަރުކާރު ވައްޓާލި އިރު ހުޅުމީދޫ އާއި ފުވައްމުލަކު މަގު ހެދުމަށް ބޭނުންވާ ހުރިހާ ގަލެއްގެން ގޮސް އެ ސައިޓްތަކުގައި ވާނީ ބަހައްޓާފައި. މިހާރު އެ ގާތަކުގެ މަތިން ގަސް ފަޅާފައި ހުރީ،" އިލްޔާސް ވިދާޅުވި އެވެ. "ވަހީދު އައްޑޫގެ ފެންޕްރޮޖެކްޓް ހުއްޓުވާލީއޭ. ނަރުދަމާ ހުއްޓުވާލީއޭ. ހޮސްޕިޓަލް ހުއްޓުވާލީއޭ. ސްކޫލްތަކުގެ އިމާރާތް ހުއްޓުވާލީއޭ. ދެން ކޮން ބިންގަލެއްތޯ. ދެން ކޮން ހުޅުވުމެއްތޯ ހުޅުވަން އުޅެނީ؟"