ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް މިސްކިތެއްގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ބުނެ އަގުވައްޓާލުމަށް ހަޤީޤަތް އޮޅުވާލައިގެން ބައެއް ފަރާތްތަކުންނާއި ނޫސްތަކުން މައުލޫމާތު ފަތުރާތީ ހައްދުންމަތީ ހިތަދޫ ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.
ލ ހިތަދޫ ކައުންސިލުގެ މެމްބަރުންނާއި ޙަވާލާދީ ދިވެހި އޮންލައިން ނޫހެއް ކަމަށްވާ ވީނިއުސް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިސްކިތެއްގެ ހުރުމަތް ކެނޑިކަން ދައްކައި އާއްމުންގެ ހިތްތަކުގައި އެމަނިކުފާނާއި މެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަނީ ކަމުގެ ހަޤީޤަތް އޮޅުވާލައިގެން ކަމަށް އެ ކަައުންސިލުން ބުނެފައިވެއެވެ.
އިބޫ މިސްކިތެއްގެ މިމްބަރަށް ބޫޓާއި އެކު އަރައިވަޑައިގެން ހުންނެވި ކަމަށް ބުނެ މީސް މީޑިއާގައި ދައުރުކޮށް އަދި ސަރުކާރަށް ތާއީދު ކުރާ ނޫސްތަކުގައި ޖަހާފައިވާ ފޮޓޯއާއި ބެހޭ ގޮތުން ކައުންސިލުން ބުނެފައިވަނީ އެއީ ހައްދުންމަތީ ހިތަދޫގައި ހުރި މިސްކިތެއް ހިމާޔަތްކުރަން ރައްޔިތުން ބޭނުންވާތީ ރައްޔިތުންގެ އެދުމުގެ މަތިން އެމިސްކިތް ބައްލަވާލެއްވުމަށް ވަޑައިގެން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.
އެމިސްކިތަކީ ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގެން މިސްކިތުގެ ކަރަންޓް ކަނޑާލައި 2013 ވަނަ އަހަރު އުވާލާފައިވާ މިސްކިތެއް ކަމަށާއި، އެމިސްކިތް އުވާލުމަށް ރައްޔިތުން ބޭނުން ނުވާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރައްޔިތުން އިބޫގެ އަރިހުން އެދިވަޑައިގެންފައި ވަނީ އެމިސްކިތް އާސާރީ ތަނެއްގެ ގޮތުގައި އެމަނިކުފާނުގެ ސަރުކާރެއްގައި ހިމާޔަތްކޮށްދެއްވުމަށް ކަމަށް ވެސް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.
ހިތަދޫ ކުޑަ މިސްކިތް ސަރުކާރުން އުވާލިތާ 5 އަހަރު ވެފައި ވާއިރު އެމިސްކިތާއި މިސްކިތުގެ ގޯތިތެރެވެސް ވަނީ މުޅިން ހަޑިވެ ވީރާނާވެފައި ކަމަށާއި، އެތަނަށް ފައިވާން ނުވަތަ ބޫޓު ބަހައްޓާފައި ވެސް ވަދެވޭވަރު ނުވާކަމުގައި ކައުންސިލުން ހާމަ ކޮށްފައިވާ ކަމަށް ވީނިއުސް ބުނެއެވެ.
ހިތަދޫ ކުޑަމިސްކިތާއި ގުޅުވައިގެން އިބޫގެ އަގުވައްޓާލުމަށް ޕީޕިއެމްގެ އެކްޓިވިސްޓުންނާއި ސަަރުކާރަށް ތާއީދުކުރާ މީޑިއާތަކުން ހަޤީޤަތް އޮޅުވާލައިގެން މައުލޫމާތު ފަތުރާތީ، ހިތަދޫގެ އާއްމު ރައްޔިތުންވެސް ގެންދަނީ ނުރުހުން ފާޅުކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.