Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

ބައްޕަ ހުރީ" ހެޕީ ޕިރް ބާގް ޖާއެގީ" ބަލަން ތައްޔާރުވެގެން: ސޮނާކްޝީ

މިމަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ހެޕީ ޕިރް ބާގް ޖާއެގީ" ގެ ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ޝަތުރްގަން ސިންހާ ހުރީ އެ ފިލްމު ބެލުމަށްޓަކާ ފިލްމު ނެރޭނެ އިރެއްގެ އިންތިޒާރުގައި ކަމަށް އޭނާ ބުނެފިއެވެ.

މުމްބާއީގައި ބޭއްވި ރިއަލިޓީ ޝޯއެއްގެ ތެރެއިން ފިލްމުގެ ޓްރެއިލާއަށް ސޮނާކްޝީގެ ބައްޕަ ބުނީ ކީކޭތޯ ކޮށްލި ސުވާލަށް ޖަވާބު ދެމުން ސޮނާކްޝީ ބުނީ އެ ފިލްމުގެ ޓްރެއިލާ އޭނާގެ ބައްޕައަށް ދެއްކުމުން ބައްޕައަށް އެފިލްމު ވަރަށް ކަމުދިޔަ ކަމަށެވެ. އަދި އެ ފިލްމު ރިލީޒް ކުރާނެ ދުވަހަކާއިމެދު ސުވާލު ކުރަމުންދާ ކަމަށެވެ.

ޝަތުރްގަން ސިންހާއަށް އެ ފިލްމު ކަމުދިޔަ ވަރުން ފިލްމުގެ ޑައިރެކްޓަރު މުދައްސަރު އަޒީޒް އޭނާގެ ގެއަށް ގެންދިޔަ ކަމަށާއި މުދައްސަރް އާއިއެކު ކޮފީބޮއެ ވަރަށް ގިނަ ވަގުތު ފިލްމާއިބެހޭ ގޮތުން ވާހަކަ ދެއްކުމުގައި އޭނާގެ ބައްޕަ ހޭދަކުރި ކަމަށް ވެސް ސޮނާކްޝީ ބުންޏެވެ.

ހުރިހާ ދިމާލަކުން ވެސް ފިލްމްގެ ޓްރެއިލާ ބެލުމަށްފަހު ލިބެނީ ރަނގަޅު ކޮމެންޓްތައް ކަމުން އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ފިލްމާއިމެދު ނުވާ ކަމަށް ސޮނާކްޝީ ބުނެފައިވެއެވެ.

މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ އާނަންދް އެލް.ރާއީ އަދި ކްރިޝިކާ ލުއްލާއެވެ. މިފިލްމުގައި ފެނިގެންދާ އެހެން ތަރިންގެ ތެރޭގައި ޑަޔާނާ ޕެންޓީ،ޖިމީ ޝާރގިލް، އަލީ ފަޒާލް އަދި ޖެސީ ގިލް ހިމެނެއެވެ.

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.