Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޔާމީން ވަނީ ގިނިކަންޏާ ވެފައި: ޝާހު

ފޮޓޯ: ރާއްޖެ.އެމްވީ

ސަރުކާރުގެ އަމަލުތައް ހުރިގޮތުން ރައީސް ޔާމީން އަރިހުގައި މިއަދު އެއްވެސް ބޭފުޅަކު ނެތި އެމަނިކުފާނު ގިނިކަންޏާ ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެރަށުގައި ކުރިއަށްގެންދާ ޚާއްސަ ޖަލްސާގައި ޝާހު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ފުވައްމުލަކުން ބޮޑު ތަނުން ކާމިޔާބު ލިބޭނެ ކަމަށެވެ.

މިއަދު ރާއްޖޭގައި އޮތް ސަރުކާރުން ވެރިކަން ކުރަމުންދާ ގޮތުން ދަރިންގެ ދަރިންވެސް ދައްކާނީ ވައްކަމާއި ޚިޔާނާތާއި ފަސާދައިގެ ވާހަކަ ކަމަށް ޝާހު ވިދާޅުވިއެވެ. އެކަންކަން ހުއްޓުވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރު މުވައްޒަފުންނަށް ބިރުދެއްކުމުގެ ބޭނުމެއް ނެތް ކަަމަށާއި އެފަދަ އެތައް މުވައްޒަފުންނެއް މިއަދު ބިރުފަހަނައަޅައި ކޯލިޝަނާ ގުޅިފައިވާ ކަމަށް ވެސް ޝާހުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

ޝާހުގެ އަމިއްލަ ރަށަށް ނިސްބަތްވެ ވަޑައިގަންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތި ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. މަސީހަކީ މަޖިލީހުގެ ރައީސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މެޖޯރިޓީން އޮތީ އެއީ ރައީސް ނޫން ކަމަށް ބުނެފައި ކަމަށާއި އެހެންކަމުން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ބެލުމެއްނެތި ރިޔާސަތުގައި އިންނެވި ނަމަވެސް މަސީހަކީ މަޖިލީހުގެ ރައީސްގެ ގޮތުގައި ބަލައިނުގަންނަ ކަމަށް ޝާހު ވިދާޅުވިއެވެ.

އަލީ ޝާހު ވިދާޅުވީ ރައްޔިތުންނަށް ކުރިއެރުން ލިބެން އޮތީ މިފަހަރު ބަދަލު ގެނެސްގެން ކަމަށެވެ. ފުވައްމުލަކުން އެކަން ދައްކާނެ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ފުވައްމުލަކުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ފުވައްމުލަކަށް ނިސްބަތްވާ ރަނިންމޭޓް ފައިސަލް ނަސީމަށް ބޮޑުތަނުން ކާމިޔާބު ލިބޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ފައިސަލް އަމިއްލަ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ އަށް އަވަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއަރޕޯޓަށް ގޮސްފައެވެ. އެ މަނިކުފާނަށް ދެންނެވި މަރުހަބާ ފެނި ފައިސަލް ވަނީ އުފަލުން ރޮވިފައެވެ.