Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އިއްތިހާދުގެ ދަތުރު ނިންމާނީ އިންސާފު ޤާއިމްކޮށް ދިނުމަށްފަހު: ފައިސަލް

ފޮޓޯ: ވީނިއުސް

އަދުލުވެރިކަމެއް އިންސާފެއް މި ޤައުމުގައި ނެތްކަމަށާއި، އިއްތިހާދުގެ ދަތުރު ނިންމާނީ ދިވެހިންނަށް އިންސާފު ޤާއިމްކޮށްދިނުމަށްފަހު ކަމަށް، އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ އުފަން ރަށް ފުވައްމުލަކުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މިސަރުކާރުގެ އަނިޔާއަށް ދިވެހިން ކެތްކޮށްފި ކަމަށެވެ. މި ޤައުމުން ފެނިގެންދަނީ ވަކިބައެއްގެ އުފަލަށް ޤާނޫނުއަސާސީ އާއި ހިތުހުރިގޮތަކަށް ކުޅެމުންދާތަން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި މިއަދު ދިވެހިން ގޮވަމުން ދަނީ އެކަން އިއާދަކޮށްދިނުމަށް ކަމަށާއި، ރައްޔިތުން މިއަދު އެކަންކަން ބަލައިނުގަންނަކަން މުޅި ރާއްޖެއަށް ބަލާލުމުންވެސް އެތަން ފެނިގެންދާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ އަށް ބަލާލިނަމަވެސް ރައްޔިތުންގެ ވަރަށްބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ރަށް ގިރަމުންދާކަމުގެ ޝަކުވާ އާއި، ސިއްޙީ ނިޒާމާއި، މަގުތަކާއި އެނޫންވެސް ގޮތްގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފުރިހަމަވެފައި ނެތްކަމުގެ ޝަކުވާ ތަކުރާރުކޮށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ކެމްޕެއިން ފެށިފަހުން މިހާތަނަށް 54 ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެވިފައި ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭގެ ތެރެއިން ކޮންމެ ރަށަކުންވެސް އެތައް ޝަކުވާތަކެއް ލިބެމުންދާކަމަށާއި އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައާއި، ވަޒީފާގެ ބިރުވެރިކަމާއި އެނޫންވެސް ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ސިޔާސީ ފިއްތުންތަކަށް ޖެހިލުންނުވެ ކެރިގެން ކޮންމެ ރައްޔިތަކުވެސް އެރައްޔިތެއްގެ ފިކުރާއި އެއްގޮތަށް ކުރިއަށް ދިއުމަށް ފައިސަލް ގޮވާލެއްވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވަނީ، ރާއްޖޭގައި 30އ. ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް އޮންނެވީ އާލާސްކަންފުޅާކަން ފާހަގަކުރައްވާފައެވެ. ރައީސް މައުމޫނަށް އެމަނިކުފާނުގެ އާއިލާއާއި އެކު ހިތްހަޖެހިގެން އުފަލާއެކު އުޅެވޭނެގޮތް ފަހިކޮށްދެއްވުމަށްވެސް ކަމާބެހޭ ފަރާތްތަކަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ. އަދި ސަރުކާރުގެ އަނިޔާވެރިކަމުގެ އެފަދަ އެތައް އާއިލާއެއް އުޅެމުންދާއިރު މި ޤައުމު އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތްކޮށް އަމާން މާހައުލަކަށް ގެންދިއުމަށް ރައްޔިތުން ނިކުމެ 23 ސެޕްޓެމްބަރުގައި ވޯޓުދެއްވުމަށްވެސް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ފައިސަލް ވިދާޅުވީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭއިރު ހަމައެކަނި ނަމުން އެދަރަޖަ ދީގެން ނުނިމޭ ކަމަށެވެ. އިއްތިހާދުގެ ސަރުކާރެއްގައި ފުވައްމުލަކު ސިއްޙީ ނިޒާމް ކުރިއަރުވައި ރަށުގައި ތިބެގެން ޚިދުމަތްތައް ލިބޭނެގޮތް ފަހިކޮށްދެއްވާނެކަމަށް ފައިސަލް ވިދާޅުވި އެވެ.