Last Updated: June 11, 10:48
Thursday, June 11, 2026
ޚަބަރު

ވޯޓު ގުނާ ނިމުމަށްފަހު ވަގުތުން ނަތީޖާ އިއުލާން ކުރަން ޖެހޭނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނަށް ވޯޓު ނަތީޖާ ޓެބްލެޓް މެދުވެރިކޮށް ފޮނުވުމަށް ނިންމާފައިވި ނަމަވެސް އެކަން ކުރަން ޖެހޭނީ ވޯޓުގެ ނަތީޖާ އިއުލާން ކުރުމަށް ފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފުއާދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓު ގުނާ ނިމިގެން ވަގުތުން އެތަނުގައި އެ ފޮށީގެ ނަތީޖާ އިއުލާން ކުރަން ޖެހޭނެ ކަމަށެވެ. އެ ނަތީޖާ އިއުލާން ކުރާނީ އިސީއިން އެކަން އެޕްރޫވް ކުރުމަށް ފަހު ނޫން ކަމަށާއި، އީސީ އަށް ނަތީޖާ ފޮނުވަން ވެސް ޖެހޭނީ އިއުލާން ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޯޓު ގުނާފައި ވަގުތުން އެތަނުގައި އެ ނަތީޖާ އިއުލާން ކުރަން ޖެހޭނެ. އީސީއިން އެޕްރޫވް ކުރާކަށް ނުޖެހޭނެ، މަޑުކުރާކަށް ނުޖެހޭނެ. މިކަން އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ސާފުކޮށް ލިޔެފައި އޮންނާނެ"

ފުއާދު މިހެން ވިދާޅުވެފައިވަނީ ޓެބްލެޓަށް ވޯޓުގެ ނަތީޖާ އެންޓާ ކުރުމުން އީސީން އެ ނަތީޖާ އެޕްރޫވް ނުކުރަނީސް ނަތީޖާ ޝީޓް ޕްރިންޓް ނުކުރެވޭ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

މަހޭ އިތުރަށް ވިދާޅުވެފައިވަނީ ވޯޓު ގުނަން ޓެބްލެޓް ބޭނުން ކުރުމަކީ ގާނޫނާއި ޚިލާފު ކަމެއް ކަމަށެވެ. އަދި މީގެ ކުރީގެ އިންތިޚާބުތަކުގައި ބޭނުން ނުކުރާ ކަމެއް މިފަހަރު ބޭނުން ކުރަނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.