Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މާވަޑިން ރަޖިސްޓްރީ ކުރަންޖެހޭގޮތަށް އާ ޤާނޫނެއް ހަދަނީ

ދޯނިފަހަރު ބަންނަ މާވަޑިން ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް އޮޑިދޯނިފަހަރު ބަނުމާބެހޭ އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަަމުންދާކަމަށް ޓްރާންސް އޮތޯރިޓީން ބުނެފިއެވެ.

އޮޑިދޯނިފަހަރު ބަނުމާބެހޭ އާ ޤާނޫނު އެކުލަވާލަނީ ބައެއް އޮޑިދޯނިފަހަރު ބަންނަގޮތުން ދިމާވާ ޙާދިސާތައް މަދުކޮށް، އެކަން ރެގިއުލޭޓް ކުރުމަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ. އަދި މި ޤާނޫނުގެ ދަށުން އިންޓަރނޭޝަނަލް މެރިޓައިމް އޯރގަނައިޒޭޝަންގެ މިންގަނޑަށް ފެތޭގޮތަށް ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ އުސޫލުތައް ބައްޓައްޓަން ކުރާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއެވެ.

މިފަދަ ޤާނޫނެއް އެކުލަވާލެވުމުން އުޅަނދު ބަންނަ ފަރާތްތަކަށް އުޅަނދު ބަނުމުގައި ވަކި މިންގަނޑެއް ގެންގުޅެން މަޖްބޫރުވާނެއެވެ. އެގޮތުން ފެންވަރު ރަނގަޅު އުޅަނދުތަކެއް ބަނދެވި ދިމާވާ ހާދިސާތައް މަދުކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މި ޤާނޫނު އެކުލަވާލުމަށްފަހު އޮޑިފަހަރު ބަންނަ މާވަޑިންނާއި ބޯޓްޔާޑްތައް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މިހާރުގެ މާވަޑިންގެ ފެންވަރު އަލަށް އެކުލަވާލާ ޤާނޫނުގެ ދަށުން ބެލުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއެވެ. އަދި މި ޤާނޫނުގެ ދަށުން 18 މީޓަރާ 30 މީޓަރާ ދެމެދުގެ ނުވަތަ އެއަށްވުރެ ބޮޑު ކަނޑުދަތުރުފަތުކުރާ އުޅަނދުތައް ބަނުމުގެ ކުރިން އުޅަންދުތަކުގެ ކުރެހުންތައް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެކަމަށް ވެސް އެއޮތޯރިޓީން މައުލޫމާތުދެއެވެ

މި ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިއަހަރު ނިމުމުގެ ކުރިން މި ޤާނޫނުގެ ފައިނަލް ޑްރާފްޓް ތައްޔާރުކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ޓްރާންޕޯޓް އޮތޯރިޓީއިން ބުނީ މިހާރު ބައެއް އުޅަނދުތައް ބަނދެފައި ހުންނަ ގޮތުން އޮޑި ބިންދައިގެން ދިއުމާއި އޮޑި އަޑިއަށްދިއުންފަދަ ހިތާމަވެރި ޙާދިސާތައް ދިމާވަމުން ދިޔަ ނަމަވެސް، އައު ޤާނޫނުގެ ދަށުން އޮޑިފަހަރުގެ ފެންވަރު ގާތުން މޮނިޓަރކުރާނެ ކަމަށެވެ.