Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ނޫން"

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެެ ސިއްޙީ ހާލުކޮޅު އަދިވެސް ރަނގަޅުނުވާ ކަމަށް ރައީސް މައުމޫނުގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ގޯސްވެ މާފުށީ ޖަލުގައި ފަރުވާ ދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެމަނިކުފާނަށް ފަރުވާ ދެއްވުމަށް މާލެއިން ޑޮކްޓަރުން ވަނީ މާފުއްޓަށް ގެންދަވާފައެވެ.

ރައީސް މައުމޫނުގެ އަރިސްބޭފުޅަކާއި ހަވާލާދީ ދިވެހި އޮންލައިން ނޫހެއް ކަމަށްވާ ވީނިއުސް ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަދިވެސް ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ނުވެއެވެ. އަދި މިހާރުވެސް މާލެ ގެނެސް ޑޮކްޓަރަށް ދެއްކޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ އޮފިޝަލް ވިދާޅުވި ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް މައުމޫނުގެ ހާލުކޮޅު ގޯސްވީ އެމަނިކުފާނު ތަހައްމަލު ކުރައްވަމުން ގެންދަވާ އަނބުރައިގަންނަގޮތް ވުމުގެ ބަލީގެ ސަބަބުން ކަމަށް ވެއެވެ.

ރައީސް މައުމޫނުގެ ވަކީލުންގެ ބައްދަލުވުންވެސް ކެންސަލް ކޮށްފައިވާ ކަމަށާއި ވަކީލުންގެ ބައްދަލުވުން ކެންސަލް ކޮށްފައި ވަނީ ސިއްޙީ ހާލުކޮޅު ހުރި ގޮތުން ތެދުވެވަޑައިގެން އުޅުއްވުމަށް ދަތިފުޅުވާތީ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެ މާފުށީ ޖަލުގެ ޑޮކްޓަރުން އެމަނިކުފާނު މާލެގެންގޮސް ފަރުވާދިނުމަށް އެންގި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިކަމަށް ވީނިއުސްއިން މައުލޫމާތު ދެއެވެ.

އަދި ފަރުވާއަށް ރައީސް މައުމޫނު މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވި ނަމަވެސް ކަރެކްޝަނުން ވަނީ އެގޮތަށް އަމަލު ނުކޮށް މާލެއިން ޑޮކްޓަރުން މާފުށީ ޖަލަށް ގެންގޮސްފައިއެވެ.

ރައީސް މައުމޫނު ޖަލުގައި ބަންދުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ތަހުގީގަށް ފޯނު ނުދިން ކަމުގައި ބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ނިންމައި 1 އަހަރާއި 7 މަހަށް ޖަލަށް ލުމަށްވެސް ވަނީ ޙުކުމްކޮށްފައިއެވެ.

ރައީސް މައުމޫނުގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބުރާހިމް ދައުލަތުގެ އެކި މުއައްސަސާތަކުގައި އާދޭސް ދަންނަވާފައިވެއެވެ.

ސިޔާސީ އެކި ފަރާތްތަކުން ދަނީ އެމަނިކުފާނުގެ ހާލަތަށް ބައްލަވާ ގެއަށް ބައްދަލުކޮށް ދެއްވުމަށް އިލްތިމާސް ކުރައްވާ އާދޭސް ދަންނަވަމުންނެވެ. އެހެން ނަމަވެސް މިއިން ކޮންމެ އާދޭހަކަށް އަދި ސަރުކާރުން ދެއްވާފައިވަނީ ބީރު ކަންފަތެކެވެ.

ރައީސް މައުމޫނަކީ ދިވެހި ވަރަށް ގިނަ ރައްޔިތެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ޖަލަށް ގެންދިޔުން ވެގެން ދިޔައީ ދިވެހި ސަރުކާރާއިމެދު ގިނަ ބަޔަކު ހިތްހަމަނުހެޖުނު ސަބަބަކަށެވެ.