Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

"ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓެއް ނެތް، އޮތީ ދޮގުވެރިންގެ ލިސްޓެއް"

ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ، ފޮޓޯ: ސަން

ޔޫރަޕިއަން ޔުނިއަންއިން (އީޔޫ) ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓެއް ނެތް ކަމަށާއި، ނަމަވެސް އޮތީ ދޮގުވެރިންގެ ލިސްޓެއްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އީޔޫ އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ބުނެފައިވަނިކޮށް މިއަދު ޝައިނީ ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް މީހަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށެވެ. އަދި އެފަދަ ލިސްޓެއް އޮތްތޯ އީޔޫއިން ކޮލަމްބޯގައި ހުންނަވާ ސަފީރު ގާތުން ސާފު ކުރެއްވުމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.

ޝައިނީ ވިދާޅުވީ އޮތީ ދޮގުވެރިންގެ ލިސްޓެއް ކަމަށާއި، އެލިސްޓުގެ އެންމެ ކުރީގައި އޮންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ކަމަށެވެ.

އީޔޫ ޕާލެމްޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރެެޕެޓުއާ އަދި އެ ޕާލަމެންޓުގެ މެމްބަރު ތޯމަސް ޒެކޮވޯސްކީ "އީޕީޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފިޔަވަޅު އަޅާ މީހުންގެ ލިސްޓު އޭނާ ދެކިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، ލިސްޓުގައި ހިމެނެނީ ކޮން ބައެއް ކަން ވިދާޅެއް ނުވެ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެެއްވެސް މީހަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ.