Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އެެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހުރިތަނަކުން ހޯދާނަން: އިބޫ

އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހުރިތަނަކުން ހޯދާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނި. މަނަދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ އަކީ ދިވެހި ރައްޔިތުންގެ ތަރައްޤީއަށް ހަރަދު ކުރައްވަން ހުރި ފައިސާކަމަށެވެ.

އިބޫ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް މަސައްކަތް ފަށާނީ އެފައިސާ ހޯދުމަށްކަމަށާއި އެއީ ވަކި މީހެއްގެ ފައިސާއެއް ނޫންކަމަށެވެ. އަދި އެކަމުގެ މައުލޫމާތު އޭސީސީ އާއި އެޓާނީ ޖެނެރަލްއިން މިހާރުން މިހާރަށް އާއްމުކުރެއްވުމަށް އިބޫ ވިދާޅުވިއެވެ.

ސަރުކާރުގެ ކަރަޕްޝަންގެ މައްޗަށް އަލި އަޅުއްވަމުން އިބޫ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލް މިހާރު އިމާރާތް ކުރާ އަގަށް ތިން ހުޅުމާލެ ހެއްދެވޭނެކަމަށެވެ.

މަނަދޫ ރައްޔިތުންނާއި މުހާޠަބު ކުރައްވައި އިބޫ ވަނީ އެރަށުގެ ރައްޔިތުންނަށް ބައެއް ވައުދުވެޑައިގެންފައެވެ. އެގޮތުން އިބޫ ވަނީ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމުގެ ގޮތުން އެރަށުގައި ފްލެޓު އަޅައި އިންސާފުވެރިކަމާއިއެކު އެ ފްލެޓުތައް ރައްޔިތުންނަށް ދެއްވާނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެރަށުގައި ދަނޑުވެރިންނަށް ހާއްސަ ޓަމިނަލެއް ތައްޔާރުކޮށް އެހެން ރަށްރަށުން ގެންނަ ކާބޯތަކެތި ގެނެސް ވިއްކާނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.