ނަމާދުކުރުން ހުއްޓާލާފައިވާ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ ދީނީގޮތުން މައްސަލައެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް އަލީ ޒައިދު މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ހިތަދޫގެ ބޭނުން ނުކުރާ މިސްކިތެއްގެ ތެރޭގައި ނަންގަވާފައިވާ ފޮޓޯއެއް ރައީސް ޔާމީންގެ ސަޕޯޓަރުން އިބޫގެ އެންޓި ކެމްޕެއިންއަށް ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޒައިދު ވިދާޅުވީ ހުދު ނަމާދުކުރުމުގައިވެސް ފައިވާނުގައި ނަމާދުކުރުން ހުއްދަކަމަށް ޞައްހަ ހަދީޘް އެބަހުރި ކަމަށާއި، ނަމަވެސް ކާޕެޓް އަޅައި، ފައިވާނުގައި ނުވަންނަ ތަނަކަށް ފައިވާނުގައި ވަދެގެން ނުވާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.
ހިތަދޫގެ ރައްޔިތަކު ބުނީ އެ މިސްކިތަކީ އާސާރީ މިސްކިތެއްގެ ގޮތުގައި މިހާރު ހުރިތަނެއް ކަމަށާއި، އެމިސްކިތް ބޭނުން ކުރުން ހުއްޓާލާފައިވަނީ ޔާމީންގެ ސަރުކާރުން ކަމަށެވެ.