Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

550 ޓެބްލެޓަކީ ނަތީޖާއަށް ނުފޫޒު ފޯރުވަން ހިންގާ ޖަރީމާއެއް: މަހްލޫފް

550 ޓެބްލެޓަކީ ދުރާލާ ރާވައިގެން އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން ހިންގާ ޖަރީމާއެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފްވަނީ މިކަމަށް އިޝާރާތް ކުރައްވާ 4 ސަފްޙާ އެކުލެވޭ ބަޔާނެއް ޓްވީޓްގައި އެޓޭޗް ކުރައްވާފައެވެ.

މިބަޔާނުގައި 23 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓަރސް ލިސްޓް އޮޅުވާލުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ނަތީޖާ ލަސްކޮށް ވޯޓުން ވައްކަން ކުރުމަށް ރާވާފައިވާ ރޭވުންތައް ވަގުތުން ހުއްޓާލާ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ޖާގަ ދިނުމަށް މަހްލޫފް ވަނީ ގޮވާލާފައެެވެ.

މުޅި ދުނިޔެ އޮތީ ބަލަން ކަމާ މިގޮތަށް އިންތިޚާބު ވަގަށްނަގާ ފޭރިގެންފިނަމަ ސަރުކާރުގެ ވެރިންނާއި ރާއްޖެއަށް އަޅާނެ ހަރުކަށި ފިޔަަޅުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް ކަމަށް ލިޔެފައިވެއެވެ. އދ އާއި އީޔޫ އަދި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ރައީސް ޔާމީނުގެ ސަރުކާރު ބަލައިނުގަންނާނެކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ ބަސް ވޯޓުން އިއްވުމުން އެކަމަށް އިޙްތިރާމް ކުރުމަށް ދައުލަތުގެ އިދާރާތަކަށް މަހްލޫފް ގޮވާލެއްވިއެވެ. އަދި ވޯޓު ގުނުން ގަޑުބަޑު ކޮށްލަން ރާވާފައިވާ ރޭވުންތައް ވަގުތުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާފައިވެއެވެ. އަދި މިކަންކަމަށް ވީހާވެސް ބޮޑަަށް ސަމާލުކަން ދެއްވައިގެން އެފަދަ ޤައިރުޤާނޫނީ އަމަލެއް ހިންގުމަށް ފުރުސަތު ނުދިނުމަށް އެންމެހާ ފުލުހުންނާއި ސިފައިންނަށް ވެސް މަހްލޫފް ވަނީ ގޮވާލާފަައެވެ.

ވޯޓު ގުނުމަށް 550 ޓެބްލެޓް ގެނައުމަކީ ދުރާލާ ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށާއި މިކަމުގެ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޖޫން މަހު ވަނީ ސަރުކާރުގެ ފިކްސްޑް ލައިން ތަކާއި ފެކްސް ލައިންތައް ކަނޑާލާފައި ކަމަށް މަހްލޫފްގެ ބަޔާނުގައި ވެއެވެ. އޭގެ ބޭނުމަކަށް ވެފައިވަނީ މީގެ ކުރިން ފެކްސް މެދުވެރިކޮށް ފޮނުވަމުން ގެންދިޔަ ނަތީޖާ ޝީޓް ޓެބްލެޓް މެދުވެރިކޮށް ފޮނުވުމަށް މަގުފަހިކުރުވުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިތުރަށް ބަޔާނުގައި ފާހަގަ ކޮށްފައިވާ ބައެއް ވާހަކަތަކަށް ބަލާއިރު މިގޮތަށް މިކަން ކުރަން ރާވާފައިވާ މައިގަނޑު ސަބަބުތައް ކަމަށް ވިދާޅުވެ ތިން ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ.
އެއީ:-
1. ފޮށިތަކުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ރައީސް ޔާމީންއަށް އެ މައުލޫމާތު ހިއްސާ ކުރުން
2. 491 ވޯޓުފޮށި ބަހައްޓާއިރު، ކިތަންމެ މަދުން ނަމަވެސް ޕީޕީއެމަށް މެޖޯރިޓީ ލިބޭ ފޮށިތަކުގެ ނަތީޖާ ޝީޓްތައް ފުރަތަމަ ޕްރިންޓް ކޮށްދިނުމަށްފަހު އެ ނަތީޖާތައް ޓީވީއެމުން އިއުލާން ކުރުން
3. ނަތީޖާ އިއުލާން ނުކޮށް ލަސްކުރާ ވަގުތުގައި ނަތީޖާ ޝީޓް ޕްރިންޓް ކުރުމުގެ ކުރިން ވޯޓުގުނާ މަރުކަޒުގެ ހަމަޖެހުން ނަގާލަން މަގުފަހި ކުރުވުން. މިހާރުވެސް މިކަން ރާވާ ފައިސާ ޚަރަދުކޮށްފައިވާ ކަމުގެ ސައްޙަ މައުލޫމާތު އެ ބޭފުޅުންނަށް ލިބިފައިވާ ކަމަށް ވެސް ލިޔެފައިވެއެވެ.

ޓެބްލެޓް ބޭނުންކުރާކަން ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ސިއްރުކޮށްފަައިއތްކަމީ މިކަމުގެ ސީރިއަސްކަން ދައްކުވައިދޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއްވެސް އިރެއްގައި ޓެބްކެޓް ބޭނުން ކުރުމާއި ގުޅޭގޮތުން އިންތިޚާބަށް ލަފާދޭ ކޮމިޓީގައި މިކަން މަޝްވަރާ ކޮށްފައިނުވާ ކަމީވެސް މިކަމުގައި ފޮރުވިފައިވާ ބޮޑު ސިއްރެއްވާ ކަމުގެ ހެއްކެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.