Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

އިއްތިހާދުގެ ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރާނެ: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް ޅ. ޅޮހީ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: އެމްޑީޕީ

އިއްތިހާދުގެ ސަރުކާރެއްގައި ސަލާމަތީ ބާރުތަކަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރާނެ ކަމުގެ ޔަޤީންކަން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މިލަދުއްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ޅޮއްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން އިބޫ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހަށް މިނިވަންކަމާއި އެކު މަސައްކަތް ކުރެއްވޭނެ ކަމަށާއި، މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަނަ ނުދީ ސިފައިން ހުރަސް ނާޅާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރަކުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތައް ނުކުރާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނީ އަދުލު އިންސާފު ޤާއިމް ކުރުމަށް ކަމަށެވެ.

އެގޮތުން މި ސަރުކާރުން ސިޔާސީ ބޭނުމަށް ނުޙައްޤުން ހައްޔަރުކޮށްފައިވާ ހުރިހާ ބޭފުޅުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުގައި މިނިވަން ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން، އުމްރާނީ ތަރައްޤީގެ ކުރިއެރުންތައް ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށް، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރައްވާނެ ކަމުގައިވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

އިއްތިހާދުގެ ސަރުކާރެއްގައި ސަލާމަތީ ބާރުތަކަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރާނެ ކަމަށް އިބޫ މިއަދު ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑިގެއްލިއްޖެކަމަށް ކަނޑައަޅައި އެ މެމްބަރުން މަޖިލީހަށް ވަނަ ނުދިނުމަށް ސިފައިންގެ ބާރުގެ ބޭނުންކޮށްފަ އެވެ. މީގެ އިތުރުން އެކިދައުވާތައް އުފުލައި ހުކުމްތައްކޮށް، ޖަލުގައި ބަންދުކޮށް އިތުރު 4 މެމްބަރަކަށް މަޖިލީހަށް ނުވަދެވޭގޮތް ވަނީ ހަދާފައިވެއެވެ.