ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް އެކަށީގެންވާ ބާރުމިނުގައި ކުރިޔަށް ނުގެންދެވެނީ ކައުންސިލްތަކުގެ ސަބަބުންކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައި ދެއްވައި އެރަށު ރައްޔިތުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގައި ފުޓުސަލް ދަނޑުތައް އަޅަން ބިން ހޯދުމަށް ކައުންސިލްތަކުގައި އެދުމުން އެކަމަށް ބިންނުދީ ލަސްކުރަމުންދާތީ ފުޓުސަލް ދަނޑުތައް ނޭޅި ލަސްވަމުންދާކަމަށެވެ. ނަމަވެސް ބިން ނުދީ ހިފަހައްޓާފައި ވަނީ ކޮން ކައުންސިލަކުން ކަމެއް ރައީސް ޔާމީން ހާމައެއްނުކުރައްވަ އެވެ. އަދި ރައީސް ވިދާޅުވީ އެއީ ނޮޅިވަރަންފަރަށް އަމާޒުކޮށް ވިދާޅުވާ ވާހަކައެއް ނޫންކަމަށެވެ.
ރައީސް މިހެން ވިދާޅުވިއިރު، މަޝްރޫއުތައް ހިންގުމަށް އެއްބާރުލުން ދޭކަމުގައި ރަށު ކައުންސިލްތަކުން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ސަރުކާރުން ބޭނުންވާ ގޮތަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުން ދެންޖެހެނީ ވަރުގަދަ ޤާނޫނީ ފިޔަވަޅެއްގެ ތެރެއިން ކަންކަން ކުރަން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ހދ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުއްޓަށްވެސް ވަޑައިގަންނަވާނެްއެވެ.