Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

"ރައްޔިތުންގެ ކުރިއެރުމާއި ގުޅުންހުރި ކަންކަމުގައި ސިޔާސީ ފިކުރު އެއްފަރާތް ކުރަންޖެހޭ"

ރައީސް ޔާމީން ހދ ނޮޅިވަރަންފަރު ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ސިޔާސީގޮތުން ފިކުރު ތަފާތުވިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ގެނެސްދިނުމައްޓަކައި ކުރާ ކަންކަމުގައި ސިޔާސީ ފިކުރު އެއްފަރާތް ކުރަން ޖެހޭކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ސަރުކާރުގެ ކުންފުނިތައް މަސްއޫލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ސަރުކާރު ކުންފުނިތަކުގެ ހަކަތަ ހުރިކަން ދައްކައިދީފިކަމަށާއި، އެމްޓީސީސީއިން އެކަނިވެސް 57 ރަށެއްގެ ބަނދަރު މި ވެރިކަމުގައި ހަދާފައިވާކަމަށެވެ. އަދި، މީގެ ކުރީގައި ރާއްޖޭގައި އޮތް އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ހެދިފައިވަނީ 25 ބަނދަރުކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ވާދަވެރި ޕާޓީގެ މެނިފެސްޓޯގެ ދެކޮޅު ނުޖެހޭ ވާހަކަތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމުގައި ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތް ހިންގައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދީ ޖަވާބުދާރީވުމަށް ދައުލަތެއް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ނުފޫޒު ފޯރުވާނެ ނުވަތަ ބަސްކިޔާ އެތައް ބަޔަކު ތިބިކަމުގައި ވަނީ ނަމަ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތުގައި ދައުލަތް ހިންގައި ނުދެވޭނެކަމަށެވެ.

އަދި، ދައުލަތް ހިންގައިދެވޭނީ އެ ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބުކުރާ މީހާގެ އަތުގައި ހުރިހައި ބާރުތަކެއް އޮވެ، ޤާނޫނީ ސަރުކާރެއް ދަމަހައްޓައި، ޤާނޫނީ އިމުގެ ތެރެއިން އިސްލާމީ އުޞޫލުތައް ދަމަހައްޓައި، އިންސާފް ޤާއިމުކުރާ މީހަކަށް ކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ކުރިއަށް އޮތްތާނގައި އެކި ދާއިރާތަކުން ހިންގެވުމަށް ރާއްވަވާފައިވާ ތަރައްޤީގެ އެކި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޔާމީން ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި، ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.