އައްޑޫ ސިޓީ ކަައުންސިލްގެ އެއްވެސް ބަހެެއް ނެތި ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށްގެން އައްޑޫގެ މަގުތައް ހަދަން ނިންމުމަކީ ކަންބޮޑުވާ ކަމެެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ރައީސް މުހައްމަދު ވަހީދު އިއްޔެ އައްޑޫގެ ދެ ރަށެއްގެ މަގު ހެދުން އިފުތިތާހުކޮށް ދެއްވުމާ ގުޅިގެން ކައުންސިލުން ވަނީ އެކަމާ ދެކޮޅަށް ނޫސް ބަޔާނެއް ނެރެފަ އެވެ.
"އައްޑޫގެ މަގުތައް ހެދުން އެއީ އައްޑޫގެ ހިންގުމުުގެ ދާއިރާގެ މަސްއޫލިއްޔަތަކަށް ހަދާ އެކަމާބެހޭ އެއްބަސްވުމެއްގައި ސަރުކާރުން ފުރަތަމަ ސޮއިކުރެއްވީ، 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ތާރީޚުން ފެށިގެން އައްޑޫގެ މަގުތައް ހެދުން ކުރީގެ އައްޑު އަތޮޅު އަތޮޅު އޮފީހާ ވަނީ ހަވާލުކުރެވިފަ އެވެ. އަދި މި މަސައްކަތް ހިންގައި ބެލެހެއްޓުމަށް 6 މިލިއަން އެއްސަތޭކަ ތިންހާސް ހަތްސަތޭކަ ހަތްދިހަ ހަތްރުފިޔާ ސަރުކާރުން އޭރު ހަމަޖެއްސެވިއިރު 33 ވެހިކަލާއި، 73 މުވައްޒަފުން ދެއްވާފައިވެއެވެ. މީގެ އިތުރުން މަގު ހެދުމުގެ މަސައްކަތަށް ހިތަދޫ، މަރަދޫ، ހުޅުމީދޫ އިން ބިމާއި އިމާރާތާއި އޮފީސް އަދި މަސައްކަތަށް ބޭނުންވާނެ އާލާތްކާއި ހަމަޖެހިގެން ދިޔުމަށްފަހު މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަަށް ގެންދިއުމަށްޓަކައި ބޭނުންވާ ބަޖެޓް އަހަރުން އަހަރަށް ދިޔައީ ލިބެމުންނެވެ." ބަޔާނުގައިވެ އެވެ. "މި މަސައްކަތް މިގޮތުގައި ކުރިއަށް ދަނިކޮށް މަގު ހެދުމުގެ ކަންކަން 2010 ވަނަ އަހަރު ސަދަން ޔޫޓިލިޓީސްގެ ދަށަށް ބަދަލުވުމާއި ގުޅިގެން އިތުރު ކާމިޔާބީތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ސާކްސަމިޓާއި ގުޅިގެން ކުރަންޖެހުނު މަސައްކަތް ފާހަގަ ކުރެވެއެވެ. ސަދަން ޔުޓިލިޓީސް ކުންފުނީގެ ކުރުމުއްދަތުގެ ތެރޭގައި، އެ ކުންފުނިން ވަނީ ސާކް ކޮންވެންޝަން ސެންޓަރާ ގުޅިގެން ހަދަން ޖެހުނު އާ މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފަ އެވެ. އަދި ހިތަދޫ އެޅަދީދީމަގަ (ހިތަދޫ ބޮޑުމަގު) ތާރު އަޅައިގެން ހަދާފައެވެ. އަދި ހުޅުމީދޫ މަގުތައް ގާ އަތުރައިގެން ވަނީ ހަދަން ފަށާފައެވެ."
އެހެން ނަމަވެސް 7 ފެބުރުއަރީ 2012 ވަނަ ދުވަހު ސަރުކާރު ބަދަލުވުމަށް ފަހު، ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، އެސްޔޫއެލް އިން ކުރަމުންދި ޔަ މަސައްކަތާއި އެ ކުންފުނީގެ އެސެޓްތައް ފެނަކަ ކޯޕަރޭޝަނަށް ބަދަލު ކުރެއްވި ކުރެއްވުން ވެގެންދިޔައީ ރައްޔިތުން އުފުލަން ޖެހުނު ބޮޑު ތަކުލީފަކަށަށް ކަމަށް ކައުންސިލުން ބުންޏެވެ.
އަދި އައްޑޫ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެ ކުންފުނީގެ ދަށަށް އެސްޔޫއެލް ބަދަލު ކުރެވުނު އިރު، ފެނަކަ ކޯޕަރޭޝަންގެ މެންޑޭޓްގައި މަގު ހެދުމުގެ މަސައްކަތް ހިމެނިފައި ނުވާކަން ކައުންސިލުން އޭރު ވެސް ވާނީ ފާހަގަކޮށްފައި ކަމަށް ކައުންސިލުން ބުނެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އޭރު ވެސް ފާހަގަކޮށްފައިވާ ގޮތަށް، ފެނަކައާއި މަސައްކަތް ހަވާލުވުމާއެކު މަގު ހެދުމުގެ މަސައްކަތް ހުއްޓި މިސިޓީގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަކީ ދަތިކަމަކަށް ވެފައިވާ ކަމަށް ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
"ސާކް ސަމިޓާ ގުޅިގެން އައްޑޫސިޓީގެ މަގުތައް ހެދުމަށް ސަރުކާރުން ގެނެސްފައިވާ 421 ޓަނުގެ ސިމެންތި (84،210 ކޮތަޅު) އާއި، 20ހާސް ކޮތަޅު ހިލަވެލިއާއި، 22 ހާސް ކޮތަޅުގެ ހިލައާއި، 40 ޓަނުގެ ތާރު ހުއްޓެވެ. މިއީ ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފަށާފައިވާ މަސައްކަތުގެ ނުނިމި ހުރި މަސައްކަތުގެ 25 ޕަސެންޓް މަސައްކަތަަށްވާ މެޓީރި އަލްސް އެެވެ." ބަޔާނުގައިވެ އެވެ. "ވޭތުވެެގެން މިދިއަ ދުވަސްތަކުގައި އައްޑޫގެ މަގުތައް ނެހެދި ލަސްވެގެން ދިޔައީ ކީއްވެގެންބާ އެވެ؟ އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން އައްޑޫސިޓީ ކައުންސިލުން އަބަދުވެސް ދިޔައީ ސަރުކާރަށް އެއްބާރުލުން ދެމުންނެވެ. އައްޑޫސިޓީ ކައުންސިލުން އެންމެ ކަންބޮޑުވާ ކަމަކީ، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ކައުންސިލާއެކީ އެއްވެސް މަޝްވަރާ ކުރުމެއްނެތި، ސަރުކާރުން ރައްޔިތުންގެ މުދަލާއި މިލްކިއްޔާތު އާ ނަންނަންކިޔާ ކުފުނިތައް އުފައްދާ އެކުންފުނީގެ ދަށަށް ބަދަލުކުރަމުންދާތީއެވެ. މިފަދައިން ކަންކަން ކުރުމަކީ، ގާނޫނު ނަމްބަރ 7/2010 ދިިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ޚިލާފު ކަމެކެވެ."
ކައުންސިލުން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން މަގުތައް ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތެއްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނުން އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ މި ޚިދުމަތް ރައްޔިތުންނަށް ދިނުމަށްޓަކައި ބަޖެޓްގައި ހިމެނި ނަމަވެސް ކައުންސިލަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރި އިރު އެކަމަށް ފައިސާ ހިމެނިފައި ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.
އެހެން ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް ދޭން ޖެހޭ މިފަދަ މުހިއްމު ޚިދުމަތަކަށް ސީދާ ހުރަސް އަޅައި ރައްޔިތުންގެ މުދާތަކެއް އެ ރައްޔިތުންގެ ބަހެއް ނެތި އެކި ފަރާތްތަކަށް ބަދަލު ކުރަމުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ދިވެހި ސަރުކާރުގެ ފަރާތުން އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތް މިއަދު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފައިވާއިރު، މިކަމުގައި ވެސް އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކޮށްފައި ނުވެ އެވެ. އަދި މަގު ހަދާނެ ގޮތުގެ ޕްލޭން ވެސް އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފައެއް ނުވެ އެވެ. އައްޑޫ ރައްޔިތުންގެ މުދާތައް، މާލޭގެ ހިނގަމުންދާ ވަކި ކުންފުންޏަކަށް ބަދަލުކޮށްގެން ސަރުކާރުން ހިންގަމުން މިދަނީ ބޮޑު ޖަރީމާއެކެވެ. ރައްޔިތުންނާއި ގުޅިފައިވާ މިފަދަ މުހިއްމު މަސައްކަތްތައް ރައްޔިތުންނަށް ފައިދާއެއް ނެތްގޮތެއްގައި ސިޔާސީ އެކި މަޤުސަދުތައް ހާސިލް ކުރުމަށް ބޭނުން ކުރުމަށް ބޭނުންކުރަމުންދާ ދިއުމަކީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ. "އެހެންކަ މުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގައި މިހާރުގެ ސަރުކާރުން ގެންގުޅޭ ވިސްނުން ބަދަލުކޮށް، ޤާނޫނުން އައްޑޫ ސިޓީ ކައުންސިލުން ދިނުމަށް ލާޒިމް ކުރާ ޚިދުމަތްތައް ދިނުމުގެ ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ކައުންސިލްގެ ފަރާތުން ގޮވާލަމެވެ. އަދި ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި، ސިޔާސީ ފައިދާއަށް، ރައްޔިތުންނަށް ކަންކަން އޮޅުވާލަން ކަންކަން ނުކުރުމަށް، ސަރުކާރަށް ގޮވާލަމެވެ."