އިންޑިއާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައިޖެހިފައިވާއިރު، ބޭރު ޤައުމްތަކުން ފޯރުކޮށްދިން އެހީ ޤަބޫލުނުކުރުމަށް އިންޑިއާ އިން ނިންމައިފި އެވެ.
އެކުވެރި އަރަބް އިއްތިހާދު (ޔޫއޭއީ) އާއި ގަތަރު އަދި ރާއްޖެއިން ވެސް ވަނީ ކެރަލާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން ގަތަރުން 35 ކްރޯޑު އިންޑިއަން ރުޕީސް އަދި އީޔޫއޭއިން 700 ކްރޯޑް އިންޑިއަން ރުޕީސް ހިލޭ އެހީގެ ގިތުގައި އިންޑިއާ އަށް ހުށަހަޅާފައިވާއިރު، ދިވެހިރާއްޖެ އިން ވެސް ވަނީ އިންޑިއާއަށް 50 ހާސް ޑޮލަރުގެ އެހީއެއް ހުށައަޅާފައެވެ. އެހެން ނަމަވެސް އެގައުމުން ވަނީ ބޭރުގެ އެހީތަށް ބަލައިގަތުމަށް އިންކާރުކޮށްފައެވެ.
އިންޑިއާ ސަރުކާރުގެ އިސް ފަރާތަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ބޭރުގެ ޤައުމުތަކުން އެހީތެރިވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އެކަން ބަލައިގަނެ ޝުކުރުވެރިވާ ކަމަށެވެ. އެހެން ނަމަވެސް ކެރެލާގެ ރައްޔިތުންނަށް ޖެހިފައިވާ ދަތި ހާލުން ސަލާމަތް ކުރުމަށް ބޭނުން ކުރާނީ ހަމައެކަނި އެޤައުމުގެ ފައިސާކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން މިހާރު ވަނީ ނިންމާފައި ކަމަށެވެ. އެހެންނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަމިއްލަ ފަރާތްތަކުން ފޯރުކޮށްދެމުންދާ އެހީ ޤަބޫލުނުކުރާނެ ވާހަކައެއް އިންޑިއާ ސަރުކާރުން ބުނެފައި ނުވެއެވެ.
2013 ވަނަ އަހަރު އިންޑިއާގެ އުއްތަރްކަންދް އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހުނުއިރު ވެސް އިންޑިއާގެ ސަރުކާރުން ވަނީ ބޭރުގެ އެހީ ހޯދުމަށް އިންކާރުކޮށްފަ އެވެ.