Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ކެމްޕެއިނަށް ހުރަސްއަޅާތީ އެޗްޑީސީ އާއި ފުލުސް އޮފީހަށް ސިޓީ ފޮނުވައިފި

މީގެ ކުރިން އެމްޑީޕީ އިން ހަރުކުރި ޕޯސްޓަރުތައް ފުލުހުން ނަގަނީ - ފޮޓޯ: އަވަސް

އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ފުލުހުންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗްޑީސީ) އިން ހުރަސް އަޅަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ފުލުހުންނަށާއި އެޗްޑީސީއަށް، އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ އިން ސިޓީ ފޮނުވައިފިއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދަށް އެޑްރެސްކޮށް އެމްޑީޕީން ބުދަ ދުވަހު ފޮނުވި ދެ ސިޓީއެއްގައި ބުނެފައި ވަނީ އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމާއި ދިދަ، އަދި ބެނާ ދެމުމަށް މާލެ އާއި އެހެން ރަށްރަށުގައި އިދިކޮޅުން ކުރިއަށްގެންދާ ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅަމުންގެންދާ ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގާ ހަރަކާތްތަކަށް އެޗްޑީސީ އިން ވެސް ހުރަސްއަޅަމުންގެންދާ ކަމަށެވެ.

އެގޮތުން ޕޯސްޓަރު ތަތްނުކުރެވޭނެ ކަމަށާއި ބެނާ ނުދެމޭނެ ކަމަށް އެންގުމުގެ އިތުރުން، ކެމްޕޭންކުރަން މާލޭގައި ނެގި ބޮޑު ދިދަ ވެސް ފުލުހުން ބާލާފައިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިނިވަން އިންސާފުވެރި، އަދި ހަމަހަމަ ފުރުސަތުތަކެއް ލިބިދޭ ކެމްޕެއިނެއް ކަށަވަރުކޮށްދިނުމަކީ ފުލުހުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ޒިންމާއަކަށް ވާއިރު މިފަދަ ހުރަސްތައް ނައްތާލުމަށް އެ ދެ ސިޓީގައި އެމްޑީޕީ އިން ވަނީ އެދިފައެވެ.

އެމްޑީޕީއިން މިގޮތަށް އެދިފައިވާއިރު، ޕީޕީއެމުން ވަނީ އެމްޑީޕީގެ ޕޯސްޓަރުތަކާއި ޖަލްސާތަކާއި އެހެނިހެން ކެމްޕެއިން ހަރަކާތްތަކުގައި އެ ޕާޓީގެ ކުލަ ބޭނުން ކުރާ ކަމުގެ ޝަކުވާތައް ކޮށްފައެވެ. އަދި އެހެން ޕާޓީތަކުން ކެމްޕެއިންގައި އެ ޕާޓީގެ ކުލަ ބޭނުން ކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.