ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ވަކިވަކި ފަރުދުންގެ ތެރެއިން ފިޔަވަޅު އަޅަނީ ކޮންކޮން ބައެއްކަން އެނގޭނެ ލިސްޓެއް އެބައޮތް ކަމަށާއި އެކަމުގެ ޔަގީންކަން ލިބިވަޑައިގެންފިކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ އީޔޫ އިން ފިޔަވަޅު އާޅާނެ ލިސްޓެއް ނެތްކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ޝައިނީ ވިދާޅުވީ އެފަދަ ލިސްޓެެއް ނުވާކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކުން ހަދައިގެން ދައްކާ ވާހަކަތައް ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އީޔޫ ގެ މަޝްހޫރު އަދި ގިނަ ބަޔަކު ދަންނަ އެމްބެސެޑަރަކާއި ފިޔަވަޅު އަޅާ ލިސްޓާއި ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ލިސްޓެއް އޮތް ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވާ ކަމަށާއި، އަދި ފިޔަވަޅު އަޅާނީ ރަނގަޅު ވަގުތަކަށް ބަލާފައިކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ލިސްޓެއް އޮތްކަމުގެ ޔަގީންކަން ނަސީމަށް ދެއްވީ ކޮން ސަފީރެެއް ކަމެއް ނަސީމް ވިދާޅެއް ނުވެއެވެ. އީޔޫ ޕާލަމެންޓްގެ މެންބަރު ތޯމަސްވެސް ވަނީ ލިސްޓެއް އެބައޮތްކަމަށާއި، އޭގައި 41 މީހެއްގެ ނަން ހިމެނޭކަމަށް ވިދާޅުވެފައެވެ.
ތޯމަސް ވަނީ ރާއްޖެއިން ފިޔަވަޅު އަޅާނެ މީހުންގެ ނަންތައް ހިމެނޭ ލިސްޓް އޭނާ އަށް ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އަދި އެމީހުންނާމެދު އަޅާނެ ވަކި ފިވަޔަޅުތަކެއް އެބަހުރި ކަމަށާއި، ފިޔަވަޅު އަޅަންވީ ވަގުތު އައިސް ޖެހިއްޖެކަމަށެވެ. މީގެ އިތުރުން އަޅާ ފިޔަވަޅުތައް ވަރަށް ސާފުކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ލިސްޓާއި ގުޅިގެން ބައެއް ފަރާތްތަކުން އެކަން ދޮގުކުރަމުން ދަނިކޮށް އަނެއްކާވެސް މިއަދުގެ ވަގުތެއްގައި ތޯމަސް ވަނީ އޭނާގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ނަންތައް ހިމެނޭ ލިސްޓެއް އޮތްކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފައެވެ.