ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދާތީވެ، ގުޅިފައިވާ ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވުންފާޅުކޮށް އެމަނިކުފާނަށް ބޭނުންވާ ސިއްހީ ފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަައިފިއެވެ.
މިކަމަށް ގޮވާލާ ޕާޓީތަކުން ނެރެފައިވާ ބަަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ ހަތަކުން ފެށިގެން ޖަލަށްލުމަށްފަހުވެސް ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން، އާއިލާގެ ފަރާތުން އެކިފަހަރުމަތިން އެމަނިކުފާނަށް އެކަށީގެންވާ ސިއްހީފަރުވާ ދެވޭނޭގޮތަށް، ވީ އެންމެ އަވަހަކަށް ގެޔަށް ބަދަލުކޮށްދިނުމަށްވަނީ އެދިފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް އާއިލާއާއި، ޤާނޫނީ ވަކީލުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް ސަރުކާރުން ވަނީ ބީރުކަންފަތެއް ދީފައިވާކަަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުުރުން ރައީސް މައުމޫނަށް ޖެހިފައިމިވާ އާލާސްކަންފުޅުގެ ސަބަބުން، ކުއްލިއަކަށް ވެއްޓި، ބޮޑެތި އަނިޔާތައް ލިބުން އެކަށީގެންވާކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ.
މާފުށީ ޖަލުގެ ޑަކްޓަރު ރައީސް މައުމޫން އާއިލާގެ އެހީ ލިބޭނެގޮތަށް ގެއަށް ބަދަލުކުރުމަށް ލަފާދީފައިވިޔަސް، ކަރެކްޝަންސް އޯތޮރިޓީއިންވަނީ އެމަނިކުފާނު މާލެ ހޮސްޕިޓަލަށް ގެންނަން އިންކާރުކޮށްފައިކަން ޕާޓީތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ އޯތޮރިޓީއިން ރައީސް މައުމޫންއަށް ފަރުވާދޭން މާލެއިން ޑޮކްޓަރެއް ގެންދިއުމުން އެ ޑޮކްޓަރުވެސް ލަފާދީފައިވަނީ، ހާލަތުމިހެން ގޯސްވަމުން ދާނަމަ، ރައީސް މައުމޫން މާލެ ބަދަލުކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވަމުން އަންނަ މިހިނދުވެސް ސަރުކާރުން ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް އެމަނިކުފާނު އެކަހެރިކޮށް ގާނޫނާ ޚިލާފަށް ބަންދުކޮށްފައިވުމުން މި ސަރުކާރުގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތްކަން ހާމަވާކަަމަށާ އެހެންކަމުން މިފަދަ ދަނޑިވަޅެއްގައިވެސް އަނިޔާވެރިކަން އިސްނުކުރައްވައި ރައީސް މައުމޫނަށް ބޭނުންވާ އަވަސް ފަރުވާ ފޯރުކޮށްދީ، ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ރައީސް މައުމޫން މިހާރުން މިހާރަށް އާއިލާއާއެކު ފަރުވާ ހޯއްދެވޭނެ ގޮތަށް ޖަލު ބަންދުން މިނިވަން ކުރުމަށް ގޮވާލާކަމަށް ޕާޓީތަކުގެ ބަޔާނުގަައި ވަނީ ގޮވާލާފައެވެ.
ސިޔާސީ ވަކިވަކި ފަރާތްތަކުން ވެސް ދަނީ ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވަމުންދާތީ އިންތިހާއަށް ކަންބޮޑުވާކަން ފާޅުކުރައްވަމުންނެވެ. އެހެން ނަމަވެސް ކަރެޝަންސް އޮތޯރިޓީ ނުވަތަ ސަރުކާރުން ވެސް އަދި މިހާތަނަށް މިކަމަށް އެއްވެސް ބަހެއް ވިދާޅުވެފައިނުވާ ކަންވެސް ފާހަގަކުރެވެއެވެ.