ގާނޫނު އަސާސީ އާ ނުލާ ރައީސް ޔާމީން ވެރިކަމުން ބާލުވަން އިދިކޮޅު ފަރާތްތަކުން ބޭނުން ކަމުގައި ވާނަމަ މިހާރު އެކަން ކުރެވިއްޖެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު އިއްތިހާދުން ނ. މިލަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިދިކޮޅުގައި ތިއްބެވީ ގާނޫނު ކޮޅުފައިން ޖަހާނެ ބަޔެއް ނޫން ކަމަށެވެ. އަދި މިވެރިކަން ބަދަލުކުރާނީ ގާނޫނު އަސާސީއާއި އެއް ގޮތަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
މިވެރިކަމާ ދެކޮޅަށް ނިކުންނަން ޖެހުނީ އަނިޔާވެރިކަމުގައި ވެރިމީހާ ހައްދު ފަހަނަޅައި ދިއުމުން ކަމަށާއި މިއަދު ގައުމަށް ބޭނުންވަނީ ފޭރިގެންފައިވާ ހައްގުތައް ހޯދައިދީ ގާނޫނު ނަގަހައްޓާނެ ވެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ސެޕްޓެމްބަރު 23 ގައި ނަގާ ވޯޓުގައި އެންމެހާ ރައްޔިތުން ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓު ދެއްވުމަށާއި ގުޅިފައިވާ އިދިކޮޅު އިއްތިހާދަށް ވޯޓު ދެއްވުމަށް އަލީ ޒާހިރު ވަނީ ގޮވާލާފައެވެ.