Last Updated: June 11, 10:48
Thursday, June 11, 2026
ޚަބަރު

ރައީސް ކޮށްދެއްވި ކަންތައް ބަލައިގަންނަ ނަމަ އިތުރު ދައުރެއް ދެއްވާ: މުއިއްޒު

ހައުސިން މިނިސްޓަރ މުއިއްޒު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ - ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގަންނަނަމަ އެމަނިކުފާނަށް އިތުރު ދައުރެއް ދެއްވުމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ގޮވާލައިފިއެވެ.

ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ފުރަތަމަ ދައުރު ހަމަވާން ކައިރިވެފައިވާއިރު އެމަނިކުފާނު ވަނީ ތަރައްގީ ގެނައުމަށް ގިނަގުނަ މަސައްކަތްތައް ކޮށްދެއްވާފައި ކަމަށެވެ.

އަދި ބަނދަރު ހެދުމަކީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ހިންގާ މަސައްކަތެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 70 ބަނދަރު ސަރުކާރުން އަޅާ ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަރާމާތުގެ މަސައްކަތްތައް ހިމަނައިފިނަމަ އެ އަދަދު 108 އަށް އިތުރުވާނެ ކަމަށާއި މިއީ ބަނދަރުގެ މަސައްކަތް އެންމެ ދައުރެއްގައި މިހާ ގިނަ އަދަދަކަށް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށި ބިން ހިއްކުމަށް ފަހު އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ސަރުކާރުން ވަނީ އިންތިޚާބުގެ ކުރިން އެއާޕޯޓުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.