Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބޭޒާރުނުވެ އިސްތިއުފާ ދެއްވާ: ޑރ. ހުސެއިން

ފޮޓޯ: ވީނިއުސް

ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަވައިގެން ބޭޒާރުނުވެ އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ރައީސް ޔާމީނަށް ގޮވާލައްވައިފިއެވެ.

ނ.މިލަދޫގައި ގުޅިފައިވާ ޕާޓީތަކުން ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ޑރ.ހުސައިން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އޮތީ އެންމެ ބުރެއް ކަމަށާއި އެހެންކަމުން އެއްބުރުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހޮވަންޖެހޭ ކަމަށެވެ. ރައީސް ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުންނަކީ އުޑާއިބިމާހާ ތަފާތު ދެބޭފުޅުން ކަަމަށް ޑރ. ހުސައިން ވިދާޅުވިއެވެ. އިބްރާހީމް މުހައްމަދު ސޯލިހަކީ ހަގީގަތުގައި ވެސް ސޯލިހު ބޭފުޅެއް ކަމަށާއި ރައީސް ޔާމީނާ ޚިލާފަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިބޫ އަކީ އެއްވެސް ކިލަނބުކަމެއް ނެތް ސާފު ބޭފުޅެއް ކަމަށް ހުސައިން ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ވޯޓު ނުލައިފިނަމަ ރާއްޖެ ޖާހިލިއްޔަ ޒަމާނަށް އަނބުރާ ގެންދާނެ ކަަމަށް ވެސް ޑރ.ހުސައިން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު މިހާރު ހުރީ މަސްނުބޭނުމުން ކަނޑު ނުބައިވާ އުސޫލަށް ކަމަށް ޑރ.ހުސައިން ވިދާޅުވިއެވެ. ކައުންސިލްތަކުން ހުރަސްއަޅާ ވަރުން ތަރައްގީ ނުގެނެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު ގާނޫނުތަކަށް ބަދަލުގެނެސްގެން ކައުންސިލްތަކުގެ ހުރިހާ ބާރެއް އެމަނިކުފާނު ވަނީ މުށުތެރެއަށް ނަންގަވާފައި ކަމަށް ވިދާޅުވެ، ހުސައިން ވަނީ އެކަންކަން ރައީސް ޔާމީން ހަނދުމަފުޅު ނެތުނީތޯ ސުވާލު އުފައްދަވާފައެވެ.

ތަރައްޤީ ނުގެނެވިގެން އުޅެނީ އަމިއްލަ މުށުތެރެއަށް ޖަމާކުރެއްވި ބާރުތައް މުށުތެރެއިން ނައްޓާނުލެވިގެންތޯ ޑރ.ހުސައިން ސުވާލު ކުރެއްވިއެވެ. އަދި ތަރައްޤީ ނުކުރެވިގެން އުޅެނީ ސީދާ އެ މަނިކުފާނުގެ އިހުމާލުން ކަމަށާއި، ރައްޔިތުންނަށް ލޯބި ނެތުމުން ކަމަށް ވެސް ވިދާޅުވިއެވެ. ނާކާމިޔާބާއި ފޫހިކަމަށް ރާއްޖެ ގެންދިއުމަށް ޔާމީނަށް ވޯޓުލާންވީ ކީއްވެތޯ އޭ ވިދާޅުވެ ހާޟިރީންނާއި ޑރ. ހުސައިން ވަނީ ސުވާލު ކުރައްވާފައެވެ. ރޯޝަންކަމާއި ޖޯޝާއެކު ކުރިއަށް ދެވޭނީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓުލައިގެން ކަމަަށް ޑރ.ހުސައިން ވިދާޅުވިއެވެ.

ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެމްބަރު ޑރ.ހުސައިން ރަޝީދު ވިދާޅުވީ ދައުލަތް ހިންގޭނީ ވެރިއަކަށް ހުންނަ މީހަކަށް ހުރިހާ ބާރެއް ދީގެން ކަަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ ސީދާ ގާނޫނުއަސާސީއާ ޚިލާފު ވާހަކަފުޅެއް ކަމަށެވެ. ގާނޫނުއަސާސީގައި ތިން ބާރު އޮތީ ވަކިކޮށްފައި ކަަމަށާއި ބާރުތައް އެއްކުރުމަށް ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށެވެ. ތިން ބާރު މުށުތެރެއަށް ލައްވައި ރައްޔިތުންގެ މައްޗަށް ޚުދުމުޚުތާރު ވެރިކަމެއް ކުރަން ގާނޫނުއަސާސީން ބާރުދީފައި ނޯންނަ ކަމަށް ޑރ.ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ރައީސް ޔާމީނަކީ މަޝްވަރާގެ އުސޫލުން އެއްވެސް ކަމެއް ކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެގާބިލްކަމެއް ވެސް އެމަނިކުފާނުގެ ނެތް ކަަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަކީ އެސިފަތައް ވަރަށް ރަގަޅަށް ހުރި ބޭފުޅެއް ކަމަށާއި ރައްޔިތުން ބޭނުންވާ ޖަޒީރާ ރާއްޖެ ހޯދައިދެވޭނީ އެމަނިކުފާނަށް ކަަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓުދިނުމަށް ޑރ.ހުސައިން ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.