Last Updated: June 11, 10:48
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކުން ތަފާތު ބޮޑު ނަތީޖާއެއް ފެންނާނެ: ފައިސަލް

ފުވައްމުލަކު ރައްޔިތުން ފައިސަލް އަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: އެމްޑީޕީ

ފުވައްމުލަކު ސިޓީއިން މިފަހަރު ރައީސް ޔާމީނަށް ތަފާތު ބޮޑު ނަތީޖާއަކުން ނޫނެކޭ ބުނާނެ ކަމަށާއި އެކަން އެރަށު ރައްޔިތުން ދައްކުވައިދީފި ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ރަށަށް ފައިސަލް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް އެރަށުން ކިޔުނު މަރުހަބާ ފެނިފައިވެސް ފައިސަލް ވަނީ އުފަލުން ފެންކަޅިވެފައެވެ. އަދި އެފަދަ ބޮޑު އެއްބާރުލުމެއް ރަށު ރައްޔިތުންގެ ފަރާތުން ފެނުމުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ ފުވައްމުލަކަށް ސިޓީގެ ދަރަޖަ މިސަރުކާރުން އެރުވި ނަމަވެސް، އެކަން ކޮށްފައިވަނީ ހަމައެކަނި ނަމަކަށް ކަމަށާއި ރަށަށް ކޮށްދިން ކަމެއް ނެތް ކަމަށެވެ.

ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް ރަށު ރައްޔިތުންނަށް އޮތީ ފުރައިގެން މާލެ ދިއުން ކަމަށާއި އިތުރު ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ސިޓީއެއްގެ ދަރަޖަ ފުވައްމުލަކަށް ދިނީ އެރަށު ރައްޔިތުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށް ފައިސަލް، ސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވެފައިވެއެވެ.