Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިންތިޚާބުގެ ސައްހަކަން ގެއްލިއްޖެ: އަސްލަމް

އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުގައި ހުރި ރިޔާސީ އިންތިހާބުގެ ހުރިހާ މައުލޫމާތެއް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހަށް ލިބިފައިވާކަން ކަށަވަރުވެ ޔަގީންވެއްޖެ ކަމަށާއި އެހެން ކަމުން އިންތިހާބުގެ ސައްހަކަން މިހާރު މުޅިން ގެއްލިއްޖެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކި ވާހަކަތަކުގައި ގުޅިފައިވާ ޕާޓީތަކުން ވަނީ މިކަން ހާމަކުރައްވާފައެވެ.

އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް ވިދާޅުވީ އިންތިހާބު މިހާ ކާރިވެފައިވަނިކޮށް އިންތިހާބާ ބެހޭ ހުރިހާ މައުލޫމާތު ތަކެއް ރައީސް ޔާމިން އޮފީހަށް ލިބިފައިވާކަން ކަށަވަރު ވެއްޖެ ކަމަށެވެ އެކަމާއި ނުހަނު ކަންބޮޑުވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި މިކަންބޮޑުވުން މިއަދު އިލެކްޝަންސް ކޮމިޝަންގެ ރައީސްއާ ހިއްސާ ކުރެވުމުން އެބޭފުޅާ ވެސް ހުރީ މިކަމާ މެދު ބުނާނެ އެއްޗެއް ނޭގި ކޮސްވެފައި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

ހުރިހާ މައުލޫމާތެއް ޕީޕީއެމް އޮފީހަށް ލިބިފައިވާކަން ޔަގީންވި ގޮތް ކިޔާދެއްވަމުން އަސްލަމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ސްރީލަންކާގައި ރީރަޖިސްޓަރީ ކުރި 1000 އަށް ވުރެ ގިނަ ފޯމްގެ މައުލޫމާތުތައް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހަށް ލިބިފައިވާކަން ކަށަވަރުވެ ޔަގީންވީ އެފޯމްތައް ރަޖިސްޓަރީ ކުރުމަށް މާލެ ގެނެސް އީސީއަށް ހުށަހެޅީ އީސީގެ އެދުމުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމްގެ ފޯނު ނަންބަރު ޖެހުމަށްފަހު ކަމަށެވެ. މިއަދާ އިއްޔެއާ އަދި ރޭވެސް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން އެފޯމްތަކުގެ މައުލޫމާތު ހޯދުމަށް ގަސަމްއަށް ތަކުރާރުކޮށް ގުޅަމުން އަންނަ ކަަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެހެން ކަމުން މިއޮތީ މިމައުލޫމާތުތައް ރައީސްޔާމިންގެ ކެމްޕެއިން އޮފީހަށް ދީފައިވާކަމުގެ ހެއްކެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމަށާއި މިއީ ސީދާ ރާވާއިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އީސީގެ ރައީސްއާއެކު ބައްދަލުވުން ބޭއްވި ވަގުތުވެސް ރައީސް ޔާމިންގެ ކެމްޕެއިން އޮހީހުން ދެ ތިން ފަހަރަކު ގަސަމްއަށް ގުޅި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެވަގުތު އީސީގެ ރައީސް ވެސް އިންނެވި ކަމަށާއި އީސީގެ ރައީސްއަށް އަޑުއިވޭގޮތަށް އެކޯލަށް ލައުޑަށް ލައިގެން ގަސަމް ވާހަކަ ދެއްކުމުން ޝަރީފް އިންނެވީ ބުނާނެ އެއްޗެއް ވެސް ނޭގިފައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއީ އެބޭފުޅުން އީސީއަށް ހުށަހެޅި ފޯމްތަކެއް ކަމަށާއި ރައީސް ޔާމިންގެ ކެމްޕެއިން އޮފީހަކަށް ހުށަހެޅި ފޯމްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ މިހާތަނަށް ކޮށްފައިވާ ބޮޑު ވައްކަމެއް ކަމަށާއި އެކަން އެބޭފުޅުން މިހާރު ދަނީ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅަމުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ މައުލޫމާތުތައް ރައީސް ޔާމިން އޮފީހަށް ހިއްސާ ކުރި ފަރާތެއް ހޯދާ، އެފަރާތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިހިސާބަހަށް އީސީގެ ކަންކަން ގޮސްފައި ވުމުން އިންތިހާބުގެ ސައްހަކަން މުޅިން ގެއްލިއްޖެކަމަށާއި މިއީ ސީދާ ރައީސް ޔާމިން އަންގަވައިގެން އީސީގެ ތެރެއިން ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ އިންތިހާބުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި ނުލިބޭ ކަމަށާއި ރީރަޖިސްޓަރީ ވީމީހުންގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމު ނުކޮށް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ވެސް އިންތިހާއަށް އެބޮތް ކަމަށެވެ.