Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ރައީސް ޔާމީން މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅު ނޮޅިވަރަންފަރަށާއި ކުޅުދުއްފުއްޓަށް ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅުގައި، ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ބަނދަރު އިފްތިތާހު ކޮށްދެއްވައި، ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ޔާމީން ވަނީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ވެސް ދަތުރުފުޅު ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ތ. ވޭމަންޑޫއަށް ވަޑައިގެން ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ތ. ކަނޑޫދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި ރައީސް ވަނީ ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އަދި ތ. ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވާފައިވެއެވެ.

ރައީސް ވަނީ ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ. އަދި ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.