މި ސަރުކާރުގެ ވެރިކަމުގައި މިހާތަނަށް 7000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދިއްޖެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ހދ. ގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުފުޅުގައި ރޭ އެ އަތޮޅު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައްޔިތުންނާއި މުޚާތަބުކުރައްވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ވަޒީފާ އުފެއްދުންކަމަށާއި، އެކަމަށް އިސްކަން ދެއްވައިގެން ސަރުކާރުން ކުރި މަސައްކަތުން މިހާރު ވެސް 70،000 އަށްވުރެގިނަ ވަޒީފާ އުފައްދަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޒުވާނުންނަކީ މުޖުތަމަޢުގައި ބޭނުންތެރި، މަސައްކަތްތެރި ބަޔަކަށް ހެދުމަށް ކުރެވުނު މަސައްކަތުން، ބޮޑެތި ކުށްތަކަށް ޒުވާނުން އަރައިގަންނަ މިންވަރު ދަށްކުރެވިފައިވާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރޭ ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އަމާޒަކީ އިޤްތިޞާދީ ގޮތުން ރާއްޖެ ވަރުގަދަވެގެން ދިއުން ކަމަށެވެ.
އަދި މިހާރު 10000 ޑޮލަރާ ގާތްކުރާ ޢަދަދަށް އޮތް ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު 20000 ޑޮލަރަށް މަތިވެގެން ދިޔުމަކީ ވެސް އަމާޒެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.