ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި ކޯލިޝަން ދެމި އޮންނާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހުޅުދުއްފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މުޚާތަބުކުރައްވަމުންނެވެ.
އެގޮތުން އިބޫ ވިދާޅުވީ އިއްތިހާދުން އެކުލަވާލާ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށް ކަމަށާއި މިއީ އެންމެ މީހެއްގެ ނުވަތަ އެންމެ ބައެއްގެ ސަރުކާރެއް ނޫން ކަމަށެވެ.
އަދި އިއްތިހާދުގެ ސަރުކާރެއްގައި ބަސް ބުނާނީ ރައްޔިތުންކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ޕާޓީތަކުގެ ދެ އަހަރުވަންދެން ގުޅިގެން މިކުރި މަސައްކަތުން އުފައްދާ ސަރުކާރެއް ދެމި އޮންނާނެ ކަމަށެވެ.
ހުރިހާ ބާރުތައް އެއްކޮށްގެން ކުރާ ވެރިކަމެއް ބޭނުންފުޅުނުވާ ކަމަށާއި 23 ސެޕްޓެމްބަރަށް ފަހު އެކުލެވިގެންދާ އިއްތިހާދުގެ ސަރުކާރުގައި ހުރިހާ ޕާޓީތައް ހިމެނޭނެ ކަމަށް ވިދާޅުވެ ޕީޕީއެމްއާ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ކޯލިޝަނާ ގުޅުމަށް އިބޫ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ މިހާރު އޮތް ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ރިޔާސީ އިންތިޚާބަށް ފަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބަށް ވެސް ދާނީ އެއްކޮން ތިބެގެން ކަމަށެވެ.
ހުޅުދުއްފާރުގެ ރައްޔިތުންނާއި މުޚާތަބުކުރައްވައި އިބޫ ވަނީ އިއްތިހާދުގެ ސަރުކާރެއްގައި އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ އިތުރުން މަގުތައް އެކަށީގެންވާ ގޮތަކަށް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.