Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ގުރޫޕަކުން އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އަންހެން ކުއްޖާއަށް އަނިޔާކުރި ވީޑިއޯގެ ސްކްރީންޝޮޓެއް

ގްރޫޕަކުން ޒުވާން އަންހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަންހެން ކުއްޖަކަށް އަނިޔާކުރި ވީޑިއޯގެ މައްސަލަ ބަލަން ފަށާފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދިން ނަމަވެސް، އެ މައްސަލައާއި ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަނުކުރެ އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަނީ ތިން އަންހެނުން ހިމެނޭ ގްރޫޕަކުން ދުވާލުގެ ވަގުތެއްގައި އަންހެން ކުއްޖަކު ހުޅުމާލޭގައި ޗައިނާ އިން އަޅާފައިވާ ފްލެޓެއް ކައިރިއަށް ގެންގޮސް، އެ އަންހެން ކުއްޖާގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރެވެ. އަދި އެތަނުން އޭނާ ދޫކޮށްލަންވީ އޮރިޔާންކުރުމަށްފަހު އޭ ވެސް ބުނާ އަޑު ވީޑިއޯއިން އިވެ އެވެ.

އެ ވީޑިއޯ އާންމުވުމާއެކު އެތަށް ބައެއްގެ ފާޑު ކިޔުން ބުލީ ކުރާ ކުދިންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށްވެސް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ގޮވާލާފައެވެ.